ފުލުހުންގެ ލިޔުމުން ލިބޭ ހުއްދައަކާ ނުލައި، ކަނޑައަޅާފައިވާ ސަރަހައްދުތަކުން ބޭރުގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތައް ރޫޅާލައި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ގާނޫނީ އިމުގެ ތެރެއިން ހިމާޔަތްކޮށްދޭނެ ކަމަށެވެ. ނަމަވެސް، ފަހަކަށް އައިސް މާލޭގެ ބައެއް މަގުތަކުގައި ބާއްވާ އެއްވުންތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަން ފުލުހުން ފާހަގަކުރިއެވެ.
"ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" އާއި އެ ގާނޫނަށް ގެނެވުނު އިސްލާހަށް ރިއާޔަތްކޮށް ފުލުހުން ބުނީ، ފުލުހުންގެ ލިޔުމުން ދޭ ހުއްދައެއް ނެތި މާލޭގައި އެއްވުންތަކާއި ހިނގާލުންތައް ބޭއްވޭނީ ހަމައެކަނި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށެވެ.
އެހެންކަމުން، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށާއި، އެފަދަ އެއްވުންތައް ރޫޅާލުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ގާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެމުން، އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދައިން ފުލުހުން ބުނިއިރު ރެއާއި މިރޭ ވެސް ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީ ވަނީ އިހުތިޖާޖުކޮށްފައެވެ. މި އިހުތިޖާޖުތައް ބާއްވަނީ ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވައިލައެވެ.
އަދި ބަންދުކޮށްފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިންކަމަށްވާ މުޙައްމަދު ޝަހްޒާނާއި، ލީވާން ނާސިރު މިނިވަންކުރުމަށް ގޮވައިލައެވެ.