ޑިންގީއާއި އިންޖީނެއް ވިއްކުމުގެ ނަމުގައި ފޭސްބުކްގައި ދެ ސްކޭމެއް ހިންގައި، 60،000ރ. އަތުލި މައްސަލައެއް

ޑިންގީއާއި އިންޖީނު ވިއްކާ ކަމަށް ބުނެ، އޮޅުވައިލައިގެން 60،000 ރުފިޔާ އަތުލި މައްސަލަތަކުގައި ހައްޔަރުކުރި މީހުން --- ފޮޓޯ: ފުލުހުން

ޑިންގީއާއި އިންޖީނު ވިއްކާ ކަމަށް ބުނެ، އޮޅުވައިލައިގެން 60،000 ރުފިޔާ އަތުލި މައްސަލަތަކާ ގުޅިގެން ނ. އަތޮޅުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ:

  • ޢަލީ ޢައްފާން، ހީނާގެ / ނ. ހޮޅުދޫ (32އ)
  • މުޙައްމަދު ޙަމީދު، ޕްލާޒާ / ނ. ހޮޅުދޫ (34އ)
  • ޙައްސާން ޢަލީ، ވީނަސް / ނ. ވެލިދޫ (34އ)

އެ ތިން މީހުންގެ ތެރެއިން ޙައްސާން ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި، މިދިޔަ ސެޕްޓެންބަރު މަހުގެ ދެވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލި މައްސަލައަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ވެލިދޫންނެވެ.

ޢައްފާނާއި ޙަމީދު ހައްޔަރުކުރީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު އިންޖީނެއް ވިއްކާކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސްއިން މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލި މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ހޮޅުދޫން ކަމަށް، ފުލުހުން ބުންޏެވެ.

ތިން މީހުންނަށް ވެސް ޖަހައިފައިވަނީ 15 ދުވަހުގެ ބަންދެކެވެ.

ފުލުހުން ބުނީ ދެ މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އޮޅުވައިލައިގެން އޮންލައިންކޮށް، ސްކޭމްކޮށްގެން 32،000 ރުފިޔާ އަތުލައިގަތް ކަމުގެ ތުހުމަތުގައި ތިން މީހަކު މި މަހު ހައްޔަރުކުރިއެވެ.

ފުލުހުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ސްކޭމްގެ 36 މައްސަލައެއްގައި 597،327 ރުފިޔާ 85 ލާރި ގެއްލިފައިވެއެވެ. އޭގެ ތެރެއިން އަނބުރާ ހޯދުނީ 262،868 ރުފިޔާ 89 ލާރި ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި ޒާތީ މައުލޫމާތާއި ބޭންކިން ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ވެސް އެދެއެވެ.

comment ކޮމެންޓް