އެމްޑީޕީން އެދުނު ނަމަވެސް އީސީން ނިންމީ ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން

ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ: އެމްޑީޕީން އެދުނަސް ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓާނެ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި އެއްވެސް ވޯޓު ފޮއްޓެއް ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ)ން މިއަދު ބުނެފިއެވެ.

އީސީން އެގޮތަށް ބުނެފައިވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ނިންމާފައި ނުވާތީ އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސިޓީއެއް ފޮނުވާފައިވަނިކޮށެވެ.

އެމްޑީޕީން އީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެންމެ ފަހުން އިއުލާންކުރި ލިސްޓުގައި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވޯޓު ފޮށި ބެހެއްޓުމަށް ހިމަނާފައެއް ނުވާ ކަމަށެވެ. އަދި، މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ 300 އެއްހާ މީހުން ހުޅުމާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

https://sun.mv/221599

އެހެންވެ، ކެންޑިޑޭޓުގެ އިންތިޚާބީ ހައްގަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

މި ކަމާ ގުޅީގެން އިލެކްޝަންސް ކޮމިޝަނުން "ސަން"އަށް ބުނީ، ކުރިއަށް އޮތް ބައި-އިލެކްޝަންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މާލޭގެ މައި ސެންޓަރުގެ ގޮތުގައި ކަނޑައަޅާ މަރުކަޒާއި، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ކަނޑައަޅާ މަރުކަޒުގެ އިތުރުން އެހެން އެއްވެސް ތަނެއްގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ.

ނަމަވެސް، މާލެ ސަރަހައްދުގެ އަވަށްތަކަށް ވޯޓުލީ އެއްވެސް ފަރާތަކުން އަލުން ރީ-ރެޖިސްޓްރީ ވާން ނުޖެހޭނެކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ވަނީ ދީފައެވެ.

https://sun.mv/220494

"މި ބައި-އިލެކްޝަނާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މާލޭގެ މައި ސެންޓަރުގެ ގޮތުގައި ކަނޑައަޅާ މަރުކަޒާއި، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ކަނޑައަޅާ މަރުކަޒުގެ އިތުރުން އެހެން އެއްވެސް ތަނެއްގައި ވޯޓު ފޮށި ނުބަހައްޓާނެ،" އީސީން ބުންޏެވެ.

އީސީން އިތުރަށް ތަފުސީލުކޮށްދިން ގޮތުގައި، މާލޭގައި ހުންނަ ފޮށިތަކަށް އެ ފަރާތްތަކުގެ ނަންތައް މިހާރު ވެސް ވަނީ ލިސްޓު ކުރެވިފައެވެ. އަދި، މާލެ ސަރަހައްދު ފިޔަވައި އެހެން ތަންތަނަށް ވޯޓުލީ މީހުންގެ ނަންތައް ހުންނާނީ އައްޑޫ ސިޓީގައި ހުންނަ އެ ދާއިރާގެ ޑިފޯލްޓް ފޮށީގައި ކަމަށް ވެސް އީސީން ބުންޏެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް 12 ގައި ހުކުމްކުރުމާ ގުޅިގެންނެވެ. މިއީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.

https://sun.mv/220571

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި މި ހުކުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިގެން އެ ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލައެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން ސިނާނުގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާއިރު، އޭނާ ގެންދެވީ ގަވައިދުން ފައިސާ ދައްކަމުންނެއް ނޫނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ކަމަށް އިއުލާންކޮށްފައެވެ. އީސީން ދަނީ މި އިންތިޚާބަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންނެވެ.

އެ އިންތިޚާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓުގައި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އާއި، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ.

comment ކޮމެންޓް