ސިނާންގެ ގޮނޑި ގެއްލުން: ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން މަހު 6ގައި ބާއްވަނީ

އީސީގެ މެންބަރުން:ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން މަހު ބާއްވާނެކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ އީސީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އިއްޔެއެވެ. އެއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.

ގާނޫނު ބުނާގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅާތާ ފަސް ދުވަސް ތެރޭގައި އެ ގޮނޑިއަށް އިތުރު މެންބަރަކު ހޮވަން ބާއްވާ އިންތިޚާބަށް އިއުލާން ކުރަން ޖެހޭނެއެވެ. އަދި 60 ދުވަހުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

އީސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ބައި-އިލެކްޝަން ބާއްވާނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު، ހެނދުނު 8:00އިން ހަވީރު 4:00އަށް ކަމަށެވެ. އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އޭގެ ދެ ދުވަސް ފަހުން، ޖޫން އަށް ވަނަ ދުވަހު ކަމަށް އިއުލާނުގައިވެއެވެ.

އެ ކޮމިޝަނުން ވަނީ، ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މާދަމާގެ 10:00އިން ފެށިގެން، މި މަހުގެ 29 ވާ ބުދަ ދުވަހުގެ 15:00 ނިޔަލަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައެވެ.

ސިނާން: އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައި -- ފޮޓޯ/ މަޖިލިސް

ބައި-އިލެކްޝަނަށް ކުރިމަތިލާ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކޮމިޝަންގެ [email protected] އީ-މެއިލް މެދުވެރިކޮށެވެ. އަދި އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް އީސީން ބުންޏެވެ.

ސިނާނުގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމަށެވެ.

ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅައި ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށެވެ.

https://sun.mv/220494

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، އަލީ ރަޝީދު ހުސެއިން، ޑރ. މުހައްމަދު އިބްރާހީމް، ހުސެއިން ޝަހީދުގެ އިތުރުން މުހައްމަދު ސަލީމެވެ. މީގެ ތެރެއިން ސަލީމް އަދި ޝަހީދަކީ މި ސަރުކާރުން ސުޕްރީމް ކޯޓަށް އައްޔަންކުރި ދެ ފަނޑިޔާރުންނެވެ.

ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ، ސިނާންގެ ދަރަނި ސާބިތުވާ ކަމަށާއި ގޮނޑި ގެއްލިފައިވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންތިޚާބުވި މަޖިލީހުން ވެރިކަން ކުރާ ޕީއެންސީއަށް ސުޕަމެޖޯރިޓީއާއެކު 75 ގޮނޑި ލިބުނެވެެ. އިދިކޮޅު އެމްޑީޕީން މިހާރު ތިއްބެވީ 12 މެންބަރުން ކަމަށްވާއިރު، އެ ޕާޓީއަށް މިހާރު ވަނީ އިތުރު ގޮނޑިއެއް ހޯދުމުގެ ފުރުސަތު ލިބިފައެވެ.

ސިނާންގެ ގޮނޑި ހުސްވީ، މި ސަރުކާރަށް ތާއިދު އޮތް މިންވަރު ދައްކުވައިދޭނެ އިންތިޚާބުތަކެއްގެ ގޮތުގައި ސިފަކޮށްފައިވާ ވޯޓުތަކެއް، މި މަހުގެ ހަތަރެއްގައި ބޭއްވި ފަހުންނެވެ. އެ ދުވަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގެ އިތުރުން، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ވޯޓެއް ނެގިއެވެ.

https://sun.mv/220504

އެ ތިން ވޯޓުން ވެސް ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.

ކައުންސިލް އިންތިޚާބުން ދެވަނަ ބުރެއްގެ ވޯޓެއް ނަގަން ޖެހޭ ފަސް ދާއިރާއެއްގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް މީގެ ކުރިން އީސީން ވަނީ ބުނެފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރުމަށް، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެ، އެ ގޮނޑިއަށް އޭނާ ކުރިމަތިލާން ނިންމެވުމަކީ އުފާވެރި ޚަބަރެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

comment ކޮމެންޓް