ދަރަންޏާއި އިންޓްރެސްޓް ދައްކަން 10 ބިލިއަން ޚަރަދުކޮށްފި، އާމްދަނީގެ 68 އިންސައްތަ

މި އަހަރުގެ ބަޖެޓު ފޮތް: ދަރަނީގެ ކަންކަމަށް 10 ބިލިއަން ރުފިޔާ ހޭދަކޮށްފި -- ފޮޓޯ/ މަޖިލިސް

ދަރަންޏާއި އިންޓްރެސްޓް ދައްކަން މިދިޔަ މަހުގެ ނިޔަލަށް މި އަހަރު 10.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ މިހާތަނަށް ލިބުނީ 15.4 ބިލިއަން ރުފިޔާގެ އާމްދަނީއާއި ހިލޭ އެހީއެވެ. އެހެންވެ، ދަރަންޏާއި އިންޓްރެސްޓް ދައްކަން ކުރި ޚަރަދު މި ވަނީ އާމްދަނީގެ 68 އިންސައްތައަށް އަރާފައެވެ. މިއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރާ މިންގަނޑެވެ.

ފިނޭންސްގެ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ ބިލިއަނެއްހާ ރުފިޔާ އިތުރުވެފައެވެ. އެކަމަކު، ޚަރަދު ވެސް ވަނީ އެ މިންވަރަށް އިތުރުވެފައެވެ.

މިދިޔަ މަހުގެ ނިޔަލަށް ސަރުކާރުން ވަނީ 14.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 12.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 1.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މުސާރައާއި އިނާޔަތްތަކާއި ހިންގުމުގެ ޚަރަދަށެވެ. އެ ގޮތުން، ޖުމުލަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ޖުމުލަ ޚަރަދާ އެއްވަރުގެ އަދަދެކެވެ.

https://sun.mv/215433

މިދިޔަ މަހަކީ ބޮޑު ދެ ލޯނެއް އަނބުރާ ދައްކަން ޖެހުނު މަހެކެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކްއަކާއި އިންޑިއާއަށް ދައްކަން ޖެހޭ 400 މިލިއަން ޑޮލަރުގެ ދަރަންޏެއް ހިމެނެއެވެ. އެ ދަރަނިތައް ސަރުކާރުން ވަނީ އަދާކޮށްފައެވެ.

އެ ގޮތުން، ދަރަނި ދައްކަން ބަޖެޓުން 8.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި، ފައިނޭންސިންއާއި އިންޓްރެސްޓަށް ވެސް ބަޖެޓުން 1.7 ބިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އެހެންވެ، ޖުމުލަ ދަރަންޏާއި އިންޓްރެސްޓަށް ބަޖެޓުން 10.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

https://sun.mv/221593

އާމްދަނީގެ ބޮޑުބައެއް ދަރަނި އަދާކުރަން ހޭދަކުރަން ޖެހުމަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިދިޔަ އަހަރު ނިމުނުއިރު ވެސް ރާއްޖެއިން ވަނީ ލިބުނު އާމްދަނީގެ 25 އިންސައްތައަށް ވުރެ ބޮޑު އަދަދެއް ދަރަންޏާއި އިންޓްރެސްޓް ދައްކަން ޚަރަދުކޮށްފައެވެ.

އެހެންވެ، ޚަރަދުތައް ކުޑަކޮށް، މާލީ އިސްލާހީ ފިޔަވަޅު އަޅަން ބޭރުގެ މާލީ އިދާރާތަކުން އިންޒާރުދޭތާ ކިތަންމެ ދުވަހެކެވެ. ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް އެ ކަންބޮޑުވުންތައް ފާހަގަކޮށް، ރާއްޖެއަށް ދީފައި އޮތީ 'ޖަންކް' ރޭޓިންއެކެވެ. އެއީ، ދަރަނި ނުދެއްކުމުގެ ބިރު ބޮޑުވުމުން ދޭ ރޭޓިންއެކެވެ.

comment ކޮމެންޓް