މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ އިނާޔަތްތަކާއި މުސާރައާއި ޕެންޝަންތަކަށް ކުރި ޚަރަދު 10 އިންސައްތަ އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މިދިޔަ މަހުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޚަރަދުތަކާއި ލިބިފައިވާ އާމްދަނީގެ ތަފުސީލުތައް ހާމަކޮށްފައެވެ. އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ 14.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 12.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެކެވެ.
އޭގެ ތެރެއިން ރިކަރަންޓް ޚަރަދު ވަނީ 11.1 އިންސައްތަ އިތުރުވެ، 12.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި، ރިކަރަންޓް ޚަރަދުގެ ތެރެއިން މުސާރައާއި އިނާޔަތްތަކާއި ޕެންޝަންތަކަށް ކޮށްފައިވާ ހޭދަ ވަނީ އިތުރުވެފައެވެ. މި ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ވަނީ 4.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން: މިދިޔަ މަހުގެ ނިޔަލަށް އިނާޔަތްތަކާއި މުސާރައަށް ކުރި ޚަރަދު 10 އިންސައްތަ ވަނީ އިތުރުވެފައި -- ފޮޓޯ/ ރައީސް އޮފީސް
ނަމަވެސް، މިދިޔަ މަހުގެ ނިޔަލަށް އެ އަދަދު ވަނީ 5.3 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ.
މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު އިތުރުވި ނަމަވެސް، ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ ލިބުނު މިންވަރު ވަނީ އިތުރުވެފައެވެ. ހިސާބުތަކުން އެނގޭ ގޮތުގައި، އާމްދަނީއާއި ހިލޭ އެހީއަށް މިދިޔަ މަހުގެ ނިޔަލަށް ވަނީ 15.4 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 14.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7.5 އިންސައްތައިގެ ކުރިއެރުމެކެވެ.
އޭގެ އިތުރަށް މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން އެއް ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރިކޯޑު ކުރެވިފައެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އާމްދަނީ އިތުރުވީ، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ލިބުނު މިންވަރު އިތުރުވުމުންނެވެ. މި ގޮތުން، ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ 4.6 ބިލިއަން ރުފިޔާއިން 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 11.7 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމުލަ ޓެކްސް އާމްދަނީ މިދިޔަ މަހުގެ ނިޔަލަށް ހުރީ 12.3 ބިލިއަން ރުފިޔާގައެވެ.
މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު އިތުރުވިއިރު، ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، 23،000 އަށް ވުރެ ގިނަ ވަޒީފާ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިއްޖެ ކަމަށް މިދިޔަ ހުކުރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ އިތުރުނުކުރައްވާނެ ކަމަށް ވިދާޅުވެއެވެ. އެކަމަކު، އެ އަދަދު އެތައް ހާހަކަށް އަރައިފައިވާ ކަމަށް ބުނެ، ސަރުކާރަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އޮތް ކައުންސިލް އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ފަހުން، ރައީސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވަން ފައްޓަވައިފައެވެ. އޭގެ ތެރޭގައި ކެބިނެޓް ބަދަލުކުރައްވައި، ކުޑަ ކުރެއްވުން ހިމެނެއެވެ.
އޭގެ އިތުރުން، މިދިޔަ މަހު 29ގައި ރައީސް ވަނީ އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު، ވީ އެންމެ ގިނަ މުވައްޒަފުންނެއް ކަނޑާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ވަކިކުރާނެ މުވައްޒަފުންގެ އަދަދެއް އެ މަނިކުފާނު ހާމަނުކުރައްވައެވެ.