ކޮންމެ ބިދޭސީއަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތް ހަދަނީ

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން: އެ އޮޕަރޭޝަންގައި އިއްޔެ ވަނީ 83 މީހަކު ހިފަހައްޓާފައި -- ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭގައި މޯބައިލް ސިމް ކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެއް ސިމް ކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި މި ނިންމެވުމުގެ ދަށުން، ބިދޭސީއެއްގެ ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައިވެސް، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި އިޖުރާއަތްތަކެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރެވޭނެއެވެ.

މީގެ އިތުރުން ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ގާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.

ބިދޭސީންނަށް މި ފިޔަވަޅު އަޅަން ވަޒީރުންގެ މަޖިލީހުން ނިންމެވިއިރު، ރާއްޖޭގައި އެންމެ ދުވަސްވީ ބޮޑު އެއް މައްސަލައަކީ ނުގަވައިދަށް އުޅޭ ބިދޭސީން ގިނަވުމެވެ. އެގޮތުން ބިދޭސީން ރެގިއުލަރައިޒްކޮށް ނުވަތަ ގަވައިދަށް ފެއްތުމަށް މި ސަރުކާރުން ވަނީ ބޮޑު މަޝްރޫއެއް ފަށައިފައެވެ. އެ މަޝްރޫއުގެ ދަށުން މިހާތަނަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމާއި، ނުގަވައިދަށް އުޅޭ ބިދޭސީން އަތުލައިގަނެ، ޑީޕޯޓް ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާރު ރާއްޖޭގައި ދިރިއުޅޭ ޖުމްލަ އާބާދީގެ އަންދާޒާއަކީ 590،079 އެވެ. މީގެ ތެރޭގައި ހިމެނެނީ 394،054 ދިވެހީންނާއި 196،024 ބިދޭސީންނެވެ. މިއީ ރާއްޖޭގެ އާބާދީގައި ބިދޭސީންގެ ނިސްބަތް ވަރަށް ބޮޑުކަން ދައްކުވައިދޭ އަދަދުތަކެކެވެ.

https://sun.mv/224529

ދިވެހީންގެ އާބާދީއަށް އެކަނި ބަލާއިރު، ފިރިހެނުންގެ އާބާދީއަކީ 200،162 މީހުންނެވެ. އެއީ ދިވެހި އާބާދީގެ 51 ޕަސެންޓެވެ. އަދި އަންހެނުންގެ އާބާދީއަކީ 193،392 މީހުންނެވެ. އެއީ 49 ޕަސެންޓެވެ. ދިވެހީންގެ ތެރޭގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ ނިސްބަތް ކުޑަތަންކޮޅެއް އިތުރުކަން މި އަދަދުތަކުން ފާހަގަކުރެވެއެވެ.

ނަމަވެސް، ބިދޭސީންގެ އާބާދީއަށް ބަލާއިރު ޖިންސުގެ ނިސްބަތުގައި ވަރަށް ބޮޑު ފަރަގެއް ހުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ފިރިހެނުންގެ އަދަދަކީ 174،005 އެވެ. މިއީ ބިދޭސީ އާބާދީގެ 89 ޕަސެންޓެވެ. ބިދޭސީ އަންހެނުންގެ އާބާދީއަކީ އެންމެ 22،019 އެވެ. އެއީ 10 ޕަސެންޓެވެ.

comment ކޮމެންޓް