ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ނިންމަވާފައި ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.

މި މައްސަލައާ ގުޅިގެން ރައީސް މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ، ވާނުވާ ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އެންމެންގެ މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކަށް އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

https://sun.mv/215658

ހަމައެއާއެކު އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް މި އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައަށް މާ ބޮޑު ހައްލެއް ލިބިފައެއް ނުވެއެވެ.

ވާނުވާ ބަންދުގައި މީހުން ތިބުމުގެ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރާ މައްސަލައެކެވެ.

comment ކޮމެންޓް