"އަދަދު" ނޫހުން ގެންދިޔަ ތަކެތިން މައުލޫމާތު ނެގުމަށް ޕާސްވޯޑް ދޭން އަމުރުކޮށްފި

އަދަދު ނޫހަށް ފުލުހުން ވަނުން: "އަދަދު" ނޫހުން ގެންދިޔަ ތަކެތިން މައުލޫމާތު ނެގުމަށް ޕާސްވޯޑް ދޭން ކޯޓުން ވަނީ އަމުރުކޮށްފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ގެނައި "އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި އެ އޮފީހުން ފުލުހުން ހިފަހައްޓާފައިވާ އިލެކްޓްރޯނިކް އާލާތްތަކާއި ޑޭޓާތަކަށް އެކްސެސްވުމުގެ ހުއްދަ ދީ، ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގެ ދަށުން، ފުލުހުންނަށް ވަނީ އެ ނޫހުގެ ޑިޖިޓަލް އާލާތްތަކުން މައުލޫމާތު ހޯދުމުގެ ހުއްދަ ދީފައެވެ. މި އަމުރު ނެރެފައިވަނީ އެ ނޫހުން ''އައިޝާ"ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގުގެ ތެރެއިން، ހެކި ހޯދުމުގެ ބޭނުމުގައި ކަމަށް ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަޙްމަދު ޝާފިއު ނެރުއްވި މި އަމުރުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި މަސްދަރު ރައްކާތެރިކުރުމުގެ ހައްގަށް ރިއާޔަތްކޮށް، ޝަރުތުތަކެއް ވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން، ފުލުހުން އެ ޑޭޓާތަކަށް އެކްސެސްވާއިރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާ ފަރާތެއް އެ ތަނުގައި ހާޒިރުވެ ހުންނަން ޖެހޭނެ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ފުލުހުން ހުޅުވަން އެދޭ ތަކެއްޗަކީ ގާނޫނުން އިމްތިޔާޒު ލިބިގެންވާ ތަކެތި ކަމަށްވާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކޯޓުން ވަނީ އަންގާފައެވެ. އެހެންކަމުން، އެ އާލާތްތަކުގައިވާ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަށާއި، އެކަމުގައި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ މައްޗަށް ކޯޓު އަމުރުގައި ލާޒިމުކޮށްފައިވެއެވެ.

މި ކޯޓު އަމުރު ނެރެފައިވާއިރު، "އަދަދު" ނޫހުން މިދިޔަ މާރިޗް މަހުގެ 28ގައި ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ދަނީ ބޮޑު ތަހުގީގެއް ހިންގަމުންނެވެ. ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ މި ޑޮކިއުމެންޓްރީގެ މައްސަލައިގައި، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އެ ދެ މީހުންގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއްކޮށް ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.

ރައީސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ފުލުހަށް ހާޒިރުކުރުމުން ފިޔާޒާއި ހަސަން ވެސް ވަނީ ނޫސްވެރިންނަށް ލިބިދޭ މަސްދަރު ސިއްރުކުރުމުގެ ހައްގުގެ ދަށުން ހަނުހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. ފިޔާޒުގެ ވަކީލު ވިދާޅުވެފައިވާ ގޮތުގައި ފުލުހުންގެ ސުވާލުތައް އަމާޒުކޮށްފައިވަނީ ނޫހުގެ ސިއްރު މަސްދަރުތައް ހޯދުމަށެވެ.

މި ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫހުގެ އޮފީހަށް ވަދެ، އެ ތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކާއި ސްޓޯރޭޖް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި ފިޔާޒާއި ޙަސަންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުކުރުމާއި، ކުށެއް ކުރުމަށް ރޭވުމާއި، ކުށެއް ކުރުމުގައި ބައިވެރިވުން ފަދަ ފަސް ތުހުމަތެއް ކުރެވެއެވެ.

ނަމަވެސް ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ އެއީ ނޫސްވެރިންނަށް ބިރު ދައްކައި، ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމުގެ ގޮތުގައި ސިފަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް