މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލައި، ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށާއި، "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލައިގައި އޮންލައިން ނޫސް "އަދަދު"ގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގު ހުއްޓައިލުން ހިމެނޭހެން، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ނުވަ ކަމެއް ސަރުކާރަށް މިއަދު ހުށަހަޅައިފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރިޕޯޓާސް ވިތުއައުޓް ބޯޑާސް (އާރުއެސްއެފް)އިން ނެރުނު މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައިފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ވަގުތެއް ކަަމަށް، އެމްޖޭއޭއިން ބުންޏެވެ.
އެއާއެކު އެ ޖަމިއްޔާއިން ވަނީ، ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ މާނައިގައި ކަށަވަރުކޮށް، ނޫސްވެރިންނަށް ފަހި، ރައްކާތެރި މާހައުލެއް ރާއްޖޭގައި ގާއިމްކުރުމަށް ނުވަ ކަމެއް ހުށަހަޅައިފައެވެ.
އެގޮތުން، އެމްޖޭއޭއިން ވަނީ، މީޑިއާ ކޮންޓްރޯލް ގާނޫނު، ނުވަތަ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު" އުވާލައި، ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށާއި، ޑޮކިއުމެންޓަރީގެ މައްސަލައިގައި އަދަދު ނޫހާއި އެ ނޫހުގެ ނޫސްވެރިންގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގު ހުއްޓައިލައި، އެ ނޫހުގެ އެޑިޓަރުން ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން އުވައިލަން ހުށަހަޅައިފައެވެ.
އެ ޖަމިއްޔާއިން ސަރުކާރަށް ދެން ހުށަހެޅި ކަންކަމަކީ:
- ނޫސްވެރިންގެ މަސައްކަތްތަކާ ގުޅިގެން މީޑިއާތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގުމަށް
- ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުاللهއާއި އަނިޔާވެރިގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓުތައް އާންމުކޮށް މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް
- ނޫސްވެރިންނަށާއި އެ މީހުންގެ އާއިލާތަކަށް ދޭ އިންޒާރުތަކުގެ މައްސަލައި ބަލައި، ނޫސްވެރިންގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް
- އާރުޓީއައި ގާނޫނު ތަންފީޒުކޮށް، މައުލޫމާތު ލިބުމުގައި ހުރި ހުރަސްތައް ނައްތައިލުމަށް
- ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާއި ބެހޭ ގާނޫނުގައި ހުރި މާއްދާތައް، ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ގޮތަށް އިސްލާހުކުރުމަށް
- މީޑިއާތަކަށް ބަޖެޓުން ދޭ އެހީ ދެނީ އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށްތޯ ކަށަވަރުކުރުމަށް، އަދި އެކަމަށްޓަކައި ނޫސްވެރިންނާއި އެޑިޓަރުންނާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާކުރުމަށް
އާރްއެސްއެފްއިން އާންމުކޮށްފައިވާ މި އަހަރުގެ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި ދިވެހިރާއްޖެ ވަނީ 108 ވަނައަށް ވެއްޓިފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނައާ އަޅާބަލާއިރު ހަތަރު ދަރަޖަ ފަހަތަށް ޖެހުމެކެވެ.

ނޫސްވެރިން ކުރި އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ/ ހުސައިން ހަސަން
އެހެންކަމުން ރާއްޖެ އަދިވެސް މިއޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. އެއީ، ހިތްހަމަޖެހޭ މިންވަރެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތަކުގެ ލިސްޓެވެ. އެކަމަކު، 2023 ވަނަ އަހަރު ރާއްޖެ ވަނީ 100 ވަނައަށް ވެއްޓިފައެވެ. އެއީ، ނޫސްވެރިކަން ކުރަން ކޮންމެ ވެސް ވަރަކަށް ދަތިތައް ހުރި ގައުމުތަކުގެ ލިސްޓެވެ. އެ ފަހުން 2024 ވަނަ އަހަރު އިތުރު ހަ ދަރަޖަ ވެއްޓުމާއެކު މިހާރު ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން ދަތި ގައުމުތަކުގެ ލިސްޓުގައެވެ.
މި އިންޑެކްސްގެ މައިގަނޑު މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަން އާރްއެސްއެފުން ވަނީ ފާހަގަކޮށްފައެވެ. ވަކިވަކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާ ސްކޯއަށް ބަލާއިރު:
- ސިޔާސީ މިންގަނޑު ވަނީ 123 އިން 129 އަށް، ހަ ދަރަޖަ ފަހަތަށް ޖެހިފައި
- ނޫސްވެރިކަމަށް އޮތް އިގްތިސޯދީ ގޮންޖެހުންތަކުގެ މިންގަނޑުގައި ވަނީ 118 އިން 157 އަށް ވެއްޓިފައި. މިއީ 39 ދަރަޖައިގެ ބޮޑު ވެއްޓުމެއް.
- ގާނޫނީ މިންގަނޑު 103 އިން 126 އަށް، 23 ދަރަޖަ ވަނީ ދަށަށް ގޮސްފައި
- ނޫސްވެރިންނަށް ސަލާމަތްތެރިކަން ނުވަތަ ރައްކާތެރިކަން އޮތް މިންގަނޑުގައި ވަނީ 56 އިން 77 ވަނަ ދަރަޖައަށް ވެއްޓި، 21 ދަރަޖަ ފަހަތަށް ޖެހިފައި.
ހަމައެކަނި ކުރިއެރުމެއް ލިބިފައި ވަނީ އިޖުތިމާއީ މިންގަނޑުންނެވެ. އެއީ މީގެ ކުރިން އޮތް 133 ވަނަ ދަރަޖައިން 118 ވަނަ ދަރަޖައަށް ލިބުނު 15 ދަރަޖައިގެ ކުރިއެރުމެކެވެ.