ދޮގު ވިޔަސް، ތެދު ވިޔަސް، ނޫސްވެރިންނާ ދޭތެރޭ ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެ: ފައްޔާޟް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް: ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ތެދު ޚަބަރު ފޯރުކޮށްދެނީ ނޫސްވެރިން ކަމަށާއި، ނޫސްވެރިން އެކަން ކުރަނީ ސަރުކާރުން ޖިނާއީ ދައުވާ އުފުލައިގެން ނޫން ކަމަށް --- ފޮޓޯ / ޢަލީ އާޒިމް ކެމްޕެއިން

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވި ގޮތުގައި ނޫސްވެރިން ގެނެސްދޭ ޚަބަރަކީ ތެދު ނުވަތަ ދޮގު ޚަބަރެއް ކަމުގައި ވިޔަސް އެ ފަރާތްތަކާމެދު ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެއެވެ. ޑިމޮކްރަސީ ދެމެހެއްޓުމަށް މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި ފައްޔާޟް ވަނީ އަދަދު ނޫހުގެ ނޫސްވެރިންގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލައާއި މީޑިއާ ކޮންޓްރޯލް ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

  • ނޫސްވެރިންނާމެދު ޖިނާއީ ދައުވާ ނުކުރުމަށް ފައްޔާޟް ގޮވާލެއްވުން
  • ޑިމޮކްރަސީ ދެމެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ ދައުރު ބޮޑުކަން ފާހަގަކުރުން
  • މީޑިއާ ކޮންޓްރޯލް ބިލުގެ ސަބަބުން ނޫސްވެރިކަމަށް ހުރަސްއެޅޭކަން ހާމަކުރުން
  • އަދަދު ނޫހުގެ ނޫސްވެރިންނަށް ކުރިމަތިވި ފިޔަވަޅުތަކާމެދު ކަންބޮޑުވުން ފާޅުކުރުން

ދޮގު ޚަބަރެއް ވިޔަސް ތެދު ޚަބަރެއް ވިޔަސް، އެ ކަމާ ގުޅުވައިގެން ނޫސްވެރިންނާ ދޭތެރޭގައި ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ރޭ ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ"އަށް 11 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޟް ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރަސީ ހިފަހައްޓައި ދެމެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ ދައުރު ބޮޑު ކަމަށެވެ. އެއާ އެކު، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)އިން އާންމުކުރި ތަފާސްހިސާބުތަކަށް ފައްޔާޟް އިޝާރާތްކުރައްވައިފައިވެއެވެ.

https://sun.mv/221330

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ސެޕްޓެންބަރު މަހު ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލުގެ ސަބަބުން ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ.

އެއަށް ފަހު، އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ މެނޭޖިިން އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓު ހިފަހައްޓައި، ފުލުހަށް ހާޒިރުކުރި ކުރުމަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވީ، ފެނުނީ ސަރުކާރުން ޖިނާއީ ދައުވާއެއް ކުރަން އުޅޭ މަންޒަރު ކަމަށެވެ.

https://sun.mv/211467

"އަޅުގަނޑު އަބަދު ވެސް ގަބޫލުކުރަނީ ދޮގު ހެދިކަމުގައި ވިޔަސް، ތެދު ހެދިކަމުގައި ވިޔަސް، ނޫސްވެރިންނާ ދޭތެރޭގައި ޖިނާއީ ފިޔަވަޅު އެޅިގެން ނުވާނެ ކަމަށް،" ފައްޔާޟް ވިދާޅުވިއެވެ.

"ޑިމޮކްރަސީ ހިފެހެއްޓުމަށްޓަކައި ޚުދުމުޚުތާރު ވެރިންގެ ކިބައިން ރައްޔިތުން ސަލާމަތްކުރަން ނޫސްވެރިކަން ތަންމިނަށް ހުޅުވިފައި އޮންނަންޖެހޭ،"

އެކަމަކު، އެއްވެސް ހާލެއްގައި އޭނާ އެހެން ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުން ރަނގަޅުވެގެން ނޫން ކަމަށް ފައްޔާޟް ވިދާޅުވިއެވެ. އޭނާ ވަނީ ނޫސްވެރިންނާ ދޭތެރޭ ޖިނާއީ ފިޔަވަޅު އަޅާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

https://sun.mv/221299

ފައްޔާޟް ވިދާޅުވީ، ނޫސްވެރިކަން މިނިވަން ނޫން ނަމަ، ތެދު ބުންޏަސް ޚުދުމުޚުތާރު ވެރިން މަސައްކަތްކުރާނީ ނޫސްވެރިންގެ އަނގަ ބަންދުކުރަން ކަމަށެވެ.

"އެކަން ކުރާނީ ނޫސްވެރިން ސިވިލް ސޮސައިޓީގެ ފަރާތުން، އެކަން ކުރާނީކީ ސަރުކާރުން ނުކުމެ ކްރިމިނަލް ދައުވާތައް އުފުލައިގެނެއް ނޫން،" ފައްޔާޟް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ނޫސްވެރިކަން ކުރާ ގޮތަށް ރާއްޖޭގައި ވެސް މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ ކަމަށް ފައްޔާޟް ގަބޫލުކުރައްވައެވެ. އޭނާ ވަނީ ވެރިކަމަށް އަންނަ ބައެއްގެ ފިކުރު އޮންނަ ގޮތުން، މިނިވަން ނޫސްވެރިކަމަށް އަބަދު ވެސް ގޮންޖެހުން އޮންނަކަން ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް