ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން (ފަސް ލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު އިސްލާހު ގެނެސްފިއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ބިލަށް މާލިއްޔަތު ކޮމިޓީން ގެނައި އިސްލާހުގައިވާ ގޮތުން، ރަސްމީ ރޭޓު ނުވަތަ ކަނޑައެޅިފައިވާ ބޭންޑަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރާ ރޭޓުތައް އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.
މީގެ ތެރޭގައި އެފަދަ އަގުތައް އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ މައުލޫމާތު ފެތުރުމަށްޓަކައި ޑިޖިޓަލް އެއްވެސް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ޝާއިއުކުރުމާއި، ފެތުރުމާއި، ތަކުރާރުކުރުން އަދި އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ އަމަލެއް ހިންގައިފި ނަމަ ކަނޑައެޅޭ އަދަބަކީ -/25،000 (ފަންސަވީސް ހާސް) ރުފިޔާއާއި -/500،000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ގިނަ ވަގުތު އަޑު ކަނޑައިލައިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި އިސްލާހުތައް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސެވެ.
މަމްދޫޙް ހުށަހެޅުއްވި އެހެން އިސްލާހުތަކުގެ ތެރޭގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރަން ވާނީ އިދާރާތަކުން ކަނޑައަޅާ ރޭޓު ނުވަތަ ބޭންޑުތަކަށް ވުރެ މަތިނުވާ ގޮތުގެ މަތިން ކަމާއި، އެހެން ނޫން ނަމަ ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތައް 25،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދު ޖޫރިމަނާކުރެވޭ ގޮތަށް ހެދުން ހިމެނެއެވެ.
މި އިސްލާހާ ގުޅިގެން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ މުއާމަލާތްކުރާ ފަރާތްތައް، އެ ފަރާތްތައް ޑޮލަރު މާރުކުރާ ވަރަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްގެން ނުވާނެ ކަމަށެވެ. ކުށުގެ ބޮޑުމިނަށް ބަލައި ޖޫރިމަނާކުރާއިރު ހަމައެއް އޮންނަން ޖެހޭނެ ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވަނީ، ކަޅު ބާޒާރުގެ އަގުތައް އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ މައުލޫމާތު ފެތުރުމަށްޓަކައި ޑިޖިޓަލް އެއްވެސް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ޝާއިއުކުރުން މަނާ ކުރުމަކީ "ގެގް އޯޑަރެއް"ގެ ގޮތުގައި ސިފަކުރައްވައިފައެވެ.
"އެކަމަކު ދިވެހިރާއްޖޭގައި ހިނގާ ކަމެއްގެ ވާހަކަ ލިޔަންޖެހޭނެތާ، މި ބާޒާރުގައި އެއްޗެހި ވިއްކާ ޕްލެޓްފޯމުތަކާއި އެކަމަކު ލިޔާ ޚަބަރުތަކުގައި ރާއްޖޭގައި މިހާރު ޑޮލަރެއް ނުލިބޭ، [ލިބެނީ] 23 ރުފިޔާއަށޭ ބުނުން އެއީ ކުށަކަށް ވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ އެއީ ގޯހެއް ހެން،" ޝަމްހީދު ވިދާޅުވިއެވެ.
ބިލުގެ ގިނަ މާއްދާތަކަށް ތާއީދުކުރައްވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެކަމަކު އޭނާ ވިދާޅުވިގޮތުގައި މި ބިލުގެ ސަބަބުން ޑޮލަރުގެ އަގު ހައްތަހާ ވާނީ ބޮޑެވެ.
މިސާލެއްގެ ގޮތުގައި ޝަމްހީދު ނެންގެވީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުުގެ ސަބަބުން ސިނގިރޭޓުގެ އަގުތައް އުފުލިގެން ދިއުމެވެ.
"މީގައި ވެސް މި އުފެދެނީ ބްލެކް ބްލެކް މާކެޓެއް އިނގޭތޯ، ދެން ވަގަށް ވެސް ޑޮލަރެއް ގަންނަން މި ޖެހެނީ އެ މީހަކު ބޮޑު ރިސްކެއް ނަގައިގެން، އަނެއްކާ ޑޮލަރުގެ އަގު މީގެ ސަބަބުން އިތުރުވުމުގެ ރިސްކު ވަރަށް ހައި،" އޭނާ ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ބޮޑުވާ ނަމަ އެ ވާހަކަ ބުނެވެން ޖެހޭނެ ކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.
ސަރުކާރު ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ކެޓަގަރީ އޭ ގައި ހިމެނޭ ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑު ފަދަ ތަންތަނަށް ކޮންމެ މަހަކު ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަނީ ރިސޯޓުތަކަށް ކޮންމެ މަހަކު ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިތުރުން، ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭ ގޮތަށް އިޚްތިޔާރުކޮށްފައެވެ. ނަމަވެސް ޢަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްވެއްޖެނަމަ ދެން ރިސޯޓުތަކުން ޖެހޭނީ ކޮންމެ މަހަކު އެ ތަންތަނަށް ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން އެކަންޏެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.