އަދަދު ނޫހުގެ އޮފީސް ފުލުހުން ރޭ ބަލައި ފާސްކުރުމުން, އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުތުރު ތުހުމަތުތަކެއްކޮށް އަދަދު ނޫހުން މިދިޔަ މަހު އާންމުކުރި ޑޮކިއުމަންޓްރީގެ މައްސަލައިގައި ރޭ ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީސް ބަލައި ފާސްކޮށްފައެވެ. އެ އޮފީހުގެ މަސައްކަތަށް ދަތިވާ ގޮތަށް އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އަދަދު ނޫހުގެ އޮފީސް ރެއިޑުކުރުމަކީ ކޮމަންވެލްތުގެ މިންގަނޑުތަކަށް ރާއްޖޭން އަމަލުކުރާ މިންވަރާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދަދު ނޫހުގެ އޮފީސް ކުރިމަތީގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ އަހުމަދު އިޔާދު
ނޫސްވެރިކަމުގެ މިނިވަން ކަމާ ގުޅޭ ގޮތުން އިނގިރޭސި ވިލާތުން މެދުނުކެނޑި ކަންބޮޑުވުން ފާޅުކުރާކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި، މިނިވަން މުސްތަގިއްލު ނޫސްވެރިކަމަކީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މި މައްސަލައިގައި އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓް ހިފަހައްޓައި، ދެ މީހުން ފުލުހަށް ހާޒިރުވާން ވެސް ވަނީ އަންގައިފައެވެ.
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ.
އޭގެއިތުރަށް، މި މައްސަލައިގައި މީޑިއާ ކޮމިޝަނުން ރަސްމީކޮށް ބަހެއް ބުނެފައިނުވާތީ ފާޑުކިޔަނިކޮށް އެ ކޮމިޝަނުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައިވާ ނުވާ ކަމަށް ބުނެފައެވެ. އަދި، މީޑިއާތަކުން އާންމުކުރާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތައް ބަލައި، ތަހުގީގު ކުރުމާއި އިދާރީ ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި އެކަން ކުރާނެ ކަމަށެވެ.
ރާއްޖޭން ފުރަތަމަ ޖުލައި 9، 1982ގައި ޚާއްސަ މެންބަރެއްގެ ގޮތުގައި ގުޅުނު ކޮމަންވެލްތަކީ 56 އުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އިނގިރޭސިވިލާތުގެ ލަންޑަނުގައި މައި މަރުކަޒު ގާއިމުކޮށްފައިވާ އެ ޖަމިއްޔާއަކީ، އެ ޖަމިއްޔާގެ މައި ހިންގާ ގަވައިދު ކަމަށްވާ ކޮމަންވެލްތު ޗާޓަރުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުޞޫލުތައް ގަބޫލުކޮށް އެ ހަމަތަކާއި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
ރާއްޖެ ކޮމަންވެލްތުގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ޖޫން 20، 1985 އިން ފެށިގެން އޮއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮކްޓޯބަރު 13، 2016ގައި އެ ޖަމިއްޔާއިން މި ގައުމު ވަކިވިއެވެ. އެއީ ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ސިޔާސީ ލީޑަރުން ޖަލަށް ލުމާއި، އަސާސީ ބައެއް ހައްގުތަައް ސަރުކާރުން ހަނިކުރާ ކަމަށް ބުނެ އެކަމަށް ކޮމަންވެލްތުން ފާޑުކިޔައިފައި ވަނިކޮށެވެ.
އޭރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ، އެ ޖަމިއްޔާއިން ވަކިވާން ނިންމީ އެ ޖަމިއްޔާއިން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭތީ ކަމަށް ބުނެފައެވެ.
އެއަށްފަހު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ރާއްޖޭން އަލުން ކޮމަންވެލްތާ ގުޅުނީއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ތާއިދާއެކު ކަމަށްވާއިރު، އެ މަނިކުފާނު ކިޔަވާ ވިދާޅުވީ އިނގިރޭސިވިލާތުންނެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް އިންތިޚާބު ވުމަށް ފަހު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ސަފީރަކީ އޭރު ހުންނެވި އިނގިރޭސި ސަފީރު ކެރޮން ރޮސްލާ ކަމަށްވާއިރު، އެ މަނިކުފާނާއި އިނގިރޭސިވިލާތާ އޮތް ޚާއްސަ ގުޅުން އޭރު ދެއްކެވިއެވެ.