ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތައް އަމާޒުކޮށް "އަދަދު" ނޫހުން ޑޮކިއުމެންޓްރީއެއް ހެދި މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރުވާން މިއަދު އަންގައިފިއެވެ.
ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުވާން އަންގައިފައިވަނީ، އިއްޔެ ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކުރި ފަހުންނެވެ. އަދި ކޯޓު އަމުރުގެ ދަށުން އެ ދެ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާކޮށްފައި ވަނިކޮށެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޔާޒާއި ހަސަންއަށް ފޮނުވި ޗިޓުގައި ވަނީ، އެ މީހުން ފުލުހަށް ހާޒިރުކުރަނީ އަދަދު ނޫހުން 'އައިޝާ'ގެ ނަމުގައި އާންމުކުރި ވީޑިއޯ ޑޮކިއުމަންޓްރީގެ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީއެވެ.
މި މައްސަލައިގައި ފުލުހުން ރޭ ވަނީ އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެފައެވެ. އަދި، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނު ވަނީ ގެންގޮސްފައެވެ.
އޭގެ ފަހުން ފިޔާޒްގެ ޕާސްޕޯޓް ހިފެހެއްޓުމަށް، ފުލުހުން އެދިގެން ނެރެފައިވާ ކޯޓު އަމުރެއްގައި ވަނީ، އޭނާގެ ޕާސްޕޯޓް އިއްޔެއިން ފެށިގެން ޖުލައި މަހުގެ 26އަށް ހިފަހައްޓަން އަމުރުކުރާ ކަމަށެވެ. ޙަސަންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފައި ވަނީ އެ މުއްދަތަށެވެ.
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ.
އެ މައްސަލައިގައި އިދިކޮޅު އެމްޑީޕީ ހިމެނޭ ގޮތަށް، ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.