ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަދުހުތުރު ތުހުމަތުތަކެއްކޮށް، އާންމުކުރި ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ދިވެހި އަންހެނެއްގެ ޕާސްޕޯޓު މިއަދު ހިފަހައްޓައިފިއެވެ.
މި މައްސަލައިގައި ފުލުހުން އަންނަނީ ޖިނާއީ ތަހުގީގެއް ކުރަމުންނެވެ.
ރައީސް މުއިއްޒަށް ތުހުމަތުތަކެއް އަމާޒުވާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން ރޭ ވަނީ އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ވަދެފައެވެ. އަދި، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނު ވަނީ ގެންގޮސްފައެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ވަނީ ޒުވާން އަންހެނެއްގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ. އޭނާގެ ޕާސްޕޯޓު ވެސް ހިފެހެއްޓީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. އެނގިފައިވާ ގޮތުގައި އެއީ ކުރިން ރައީސް އޮފީހުގައި މަސައްކަތްކުރި މުވައްޒަފެކެވެ.
ފުލުހުން ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ އެޑިޓަރު ޙަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ތިން މަސް ދުވަހުގެ މުއްދަތަކަށް ހިފަހައްޓާފައެވެ.
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ރެއިޑުކޮށް، އެ ނޫހުގެ ތަކެތި ބަލައި ފާސްކުރި މައްސަލައިގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައިނުވެއެވެ. މިކަމާ ގުޅޭގޮތުން އެ ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޝަތުގެ ބަހެއް ހޯދުމަށް "ސަން"އިން ގުޅައި، މެސެޖުކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ