އައްޑޫގެ ހުޅުދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމުކޮށްލައިފިއެވެ.
މީޑިއާތަކާ ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، ސ. ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންދިޔަ މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލައެއް 13:50 ހާއިރު އެ މަރުކަޒުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް ފުލުހުން ބުނި ގޮތުގައި، އެ މީހާއަށް އަނިޔާވީ ޑުރަގުގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ކަމަށެވެ.
އެއީ، 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާއިރު، އޭނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެއިތުރުން، މި މައްސަލައިގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، މާރާމާރީގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. މިގޮތުން، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު މާލޭގައި ތޫނު އެއްޗަކުން ބަންގްލަދޭޝްގެ މީހަކަށް ހަމަލާދީ، އޭނާގެ ކަރު ވަރަށް ބޮޑަށް ވަނީ ޒަޚަމުކޮށްލާފައެވެ.