ފުލުހުން އަދަދުގެ ތަކެތި ގެންދިއުމުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: ކުއްލި މައްސަލަ ބަލައިނުގަންނަން ވަނީ ނިންމަވާފައި -- ފޮޓޯ/ މަޖިލިސް

'އައިޝާ'ގެ ނަމުގައި 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ، މަސައްކަތަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެތި ގެންދިޔަ މައްސަލަ ތަހުގީގުކުރުމަށް ގޮވާލައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުالله މި މައްސަލަ ބަލައިނުގަތުމަށް ނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލަތަކުގައި ހުންނަން ޖެހޭނެ ކަމަށް ބަޔާންކުރާ ޝަރުތުތައް މި މައްސަލައިގައި ފުރިހަމަނުވާ ކަމަށް ކަނޑައެޅުއްވުމަށް ފަހެވެ. އެ ގޮތުން، މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ (ށ)، (ކ) އަދި (ދ)ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަނުވާ ކަމަށް ރިޔާސަތުން ފާހަގަކުރެއްވިއެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ނޫހަކުން އާންމުކުރާ ކޮންޓެންޓާ ގުޅޭ ގޮތުން އުފެދޭ ހިޔާލު ތަފާތުވުމުގެ މައްސަލަަަތައް ބެލުމަށް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުުލޭޝަން ގާނޫނުން ހާއްސަ މެކޭނިޒަމެއް ކަނޑައަޅާފައިވާ ކަމަށެވެ. އެ އިޖުރާއަތުން ބޭރުވެ ފުލުހުން ގަދަބާރުން މިނިވަން މީޑިއާއެއްގެ އޮފީހަށް ވަދެ ބަލައި ފާސްކޮށް މުދާ ހިފެހެއްޓުމަކީ މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށާއި، އެއީ އެ ނޫސް ހުއްޓުވުމުގެ ބޭނުމުގައި ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ ލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

https://sun.mv/221200

މި މައްސަލަ ބަލައިނުގަންނަކަން އިއުލާނު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދު ބުނާ ކަމަށާއި ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަން ފުލުހުން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި، ކުއްލި މައްސަލައަކީ ރައްޔިތުންނަށް ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކޮށް، ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ އެއްޗެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

'އައިޝާ'ގެ ނަމުގައި އާންމުކުރި އެ ޑޮކިއުމަންޓްރީގައި ރައީސް މުއިއްޒާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކާފައިވާއިރު، ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށެވެ.

comment ކޮމެންޓް