އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ވަނީ، ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއް އާންމުކޮށްފައެވެ.
އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން މިރޭ ވަނީ ކޯޓު އަމުރަކާއެކު އެ ނޫހުގެ އޮފީހަށް ވަދެފައެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ ޑޮކިއުމެންޓްރީގެ މައްސަލައިގައި ކަމަށް އެ ނޫހުގެ ނޫސްވެރިން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.
ފުލުހުން އަަދަދު ނޫހުގެ އޮފީސް ބަލައިފާސްކުރުމުގެ އިތުރުން، ފިޔާޒްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ހޯދައިފައިވާ ކަމަށް "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.
މިރޭ 22:11ގައި ނެރެފައިވާ އެ ކޯޓު އަމުރުގައި ވަނީ ފިޔާޒްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް އޭނާ ރާއްޖޭގައި ހުރުން މުހިންމު ކަމަށް ފުލުހުންނަށް ފެންނާތީ ކަމަށެވެ.

އަދަދުގެ އޮފީސް ކައިރީގައި ނޫސްވެރިން: އެ އޮފީހަށް ފުލުހުން ވަދެފައިވާ މައްސަލައިގައި ނޫސްވެރިންގެ ޖަމްއިއްޔާއިން ވަނީ ނުރުހުން ފާޅުކޮށްފައި -- ސަން ފޮޓޯ/ އަހްމަދު އިޔާދު
އެ އަމުރުގައި ވަނީ ފިޔާޒްގެ ޕާސްޕޯޓް ހިފަހައްޓަނީ މިއަދުން ފެށިގެން އަންނަ މަހުގެ 26އަށް ކަމަށެވެ. އަދި އޭނާގެ މައްސަލަ ބަލަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ކަމަށް އަމުރުގައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީޑިއާގައި ގިނަ އަހަރުތަކެއްވީ ފިޔާޒަށް އިންޒާރު ދިން މައްސަލައެއް މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފުލުހަށް ހުށަހަޅައިފައިވެއެވެ.
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެފައިވާ މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި އިހުތިޖާޖެއް ވެސް ފަށައިފައެވެ.