އަންނަ އަހަރަށް 59.7 ބިލިއަންގެ ބަޖެޓެއް: މި އަހަރަށްވުރެ 4 ބިލިއަން ކުޑަ ނަމަވެސް ރިކަރަންޓު ޚަރަދު އިތުރުވެއްޖެ

ފިނޭންސް މިނިސްޓަރު ޒަރީރު: އަންނަ އަހަރަށް 59.7 ބިލިއަންގެ ބަޖެޓެއް ވަނީ ހުށަހަޅުއްވައިފައި -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާއިން ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި މާލީ އިސްލާހުތައް ގެނައުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށް މިނިސްޓަރު ޒަރީރު ވަނީ ވިދާޅުވެފައެވެ.

ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ހިނގާ ދާއިމީ ނުވަތަ ރިކަރަންޓު ޚަރަދުތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެގޮތުން އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. އެއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެެވެ. އަދި 2025 ވަނަ އަހަރު ރިކަރަންޓް ޚަރަދަށް 37.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

މިއަހަރަށް ބަލާއިރު ވެސް އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޚަރަދުތައް ވެސް ވަނީ މަތިވެފައެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އޮކްޓޫބަރު 15 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 36.39 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 16.9 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 31.35 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ޚަރަދުތަކަށް ކަނޑައަޅާފައިވާ ވަރު:

  • މުސާރައާއި އުޖޫރަ: 7.9 ބިލިއަން
  • މުވައްޒަފުންނަށް ދޭ އެލަވަންސް: 6.5 ބިލިއަން
  • ޕެންޝަނާއި ދުވަސްވީ މުވައްޒަފުންނަށް ދޭ ފައިސާ: 2.6 ބިލިއަން
  • ދަތުރުފަތުރުކުރުމުގެ ޚަރަދު: 246.7 މިލިއަން
  • އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ އަގު: 978 މިލިއަން
  • އޮފީސް ހިންގުމުގެ ބޭނުންވާ ޚިދުމަތުގެ ޚަރަދު: 2.6 ބިލިއަން
  • ޚިދުމަތް ދިނުމުގެ ބޭނުމަށް ހޯދާ ތަކެތީގެ އަގު: 1.7 ބިލިއަން
  • ތަމްރީނު ކުރުމަށް ކުރެވޭ ޚަރަދު: 700.7 މިލިއަން
  • މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ޚަރަދު: 444.7 މިލިއަން
  • ލޯނުގެ ޚިދުމަތުގެ ޚަރަދު: 4.9 ބިލިއަން
  • ސަރުކާރުން ދޭ އެހީ، އިޝްތިރާކާއި ސަބްސިޑީ: 13.9 ބިލިއަން
  • ލިބިފައިވާ ގެއްލުމެއް ނުވަތަ ލިބިދާނެ ގެއްލުމެއް ހަމަޖެއްސުން: 1.2 މިލިއަން

ބަޖެޓު ހުށަހަޅުއްވައި ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވީ މި ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާ ކަމަށެވެ.

"އެއީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ. އަދި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ. މީގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހިމެނޭ،" ޒަރީރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ.

comment ކޮމެންޓް