ހޯމް ސްކޫލިން ފަހިކޮށްދިނުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށާއި، އެއީ ހަރުކަށި ފިކުރުގެ މީހުން އެ މީހުންގެ ދަރިން ގޭގައި ބައިތިއްބައި، އެ ފިކުރު ދިރުވަން ކުރެވޭ ކަމެއްތޯ ވިސްނާލަންޖެހޭ ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނަޢީމް ވަނީ، ދަރިވަރުން ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން އުނގަންނައި ދިނުމަށް މަގުފަހިކޮށްދިނުން ހިމެނޭހެން، ތައުލީމާ ބެހޭ ގާނޫނަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން، އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ. އެ އިސްލާހުތަކަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަންވާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި، ސްކޫލުތަކަށް ދެވެން ނެތް ދަރިވަރުންނަށް ހޯމްސްކޫލިންގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ނަމަވެސް އިއްޒަތްތެރި ރައީސް، މިއީ ނުރައްކާތެރި ވެސް ކަމެއް، ނުރައްކާތެރިވަނީ ދަރިވަރުން މި ވަގުތު ސްކޫލަށް ނުފޮނުވައި ގޭގައި ބައިތިއްބައިގެން އުޅޭ މީހުންގެ ތެރޭ ހަރުކަށި ފިކުރުގެ މީހުން ގިނަކަން ދިވެހިރާއްޖޭގެ ސަރުކާރަށް ދިވެހިރާއްޖޭގެ އެކިއެކި އިދާރާތަކަށް ކަށަވަރުވާތީ،" މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ އެ ބިލުގައި ކަނޑައަޅައިފައިވާ ރެގިއުލޭޓަރީ މެކޭނިޒަމް ބަލި ކަމަށެވެ.
އެގޮތުން ރަށެއްގައި ނަމަ ހޯމްސްކޫލިންގެ ކަންކަން ކުރިއަށްދާ ގޮތް ބެލުން އޮންނާނީ ރަށު ކައުންސިލުތަކަށް ކަމަށް ވިދާޅުވެ، މީކާއީލް ވިދާޅުވިގޮތުގައި މަޖިލީހުން ފާސްކުރާ ކޮންމެ ގާނޫނަކުން ފެންނަނީ ކައުންސިލުތަކަށް ލިބޭ އާމްދަނީއާއި ބިންބިމާއި ތަންތަން އުނިކޮށް، ކައުންސިލުތަކުގެ ބާރުތައް ކަނޑުވައިލާ މަންޒަރެވެ.
"ހަރުކަށި ފިކުރުގެ މީހުންނަށް އެ މީހުންގެ ދަރީން ސްކޫލަށް ނުފޮނުވައި އެ ފިކުރުގައި ބައިތިއްބައިގެން އެ ފިކުރު ދިރުވަން އަޅުގަނޑުމެންނަށް އެޅޭ ފިޔަވަޅެއްތޯ، އަޅުގަނޑުމެން ވިސްނައިލަންޖެހޭ،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެ ބިލު އަނބުރާ ގެންގޮސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢުއާއި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު އަލުން ހުށަހެޅުމަށް މީކާއީލް ގޮވައިލެއްވިއެވެ.
ގާނޫނުގައި މިހާރު އޮންނަނީ ދަރިވަރުގެ ހާލަތު ހުންނަ ގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން އިސްތިސްނާއެއް ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.
އެ ގާނޫނުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ތައުލީމު ލާޒިމްވާނެއެވެ.
ހަމަ އެހެންމެ އެ އުމުރުގެ ކޮންމެ ކުއްޖަކު، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީސްކޫލް ތައުލީމުން ފެށިގެން ސާނަވީ ތައުލީމުގެ ނިޔަލަށް ތައުލީމު ހާސިލުކުރުމަށް ސްކޫލަށް ފޮނުވައި، އެކުއްޖެއްގެ އުމުރަށް ކަނޑައެޅިފައިވާ ތައުލީމީ ނިޒާމުގެ މަރުޙަލާގައި ބައިވެރިކުރުން ބެލެނިވެރިޔާގެ މައްޗަށް ލާޒިމުވާނެ ކަމަށް ވެސް ގާނޫނުގައިވެއެވެ.
ނަމަވެސް އަނާރާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލްކުރަން ނުވަތަ ހޯމްސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުދިންނެއް ނޫނެވެ.
އެ މާއްދާގައި އެހެން އޮތް ނަމަވެސް ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް ކުދިންނަށް އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަން ޖެހޭނެ ކަމަށް އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.
ހަމަ އެހެންމެ ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި ސްކޫލަށް ކޮންމެހެން ގެންދަން ނުޖެހޭނެ ކަމަށް ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތަކެއް ތައުލީމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.