އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށަހެޅި 59.7 ބިލިއަންގެ ބަޖެޓުގައި ފަތުރުވެރިން އިތުރުކޮށް، ދައުލަތުގެ ރިޒާވަށް 100 މިލިއަން ޑޮލަރު ހޯދުމުގެ އަމާޒެއް ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ މި ހިނގާ 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖެއަށް 2.17 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، ބެޑްނައިޓްސް 13.9 މިލިއަނުގައި ހުންނާނެކަމަށް މިހާރު ބެލެވޭ ކަމަށެވެ. އަދި 2027 ވަނަ އަހަރަކީ ފަތުރުވެރިކަމަށް މުހިއްމު އަހަރެއް ކަމަށާއި އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.28 އާ 2.5 މިލިއަނާއި ދެމެދުގެ މިންވަރަކަށް ކުރިއަރައި، ރާއްޖޭގައި ހޭދަކުރާ ބެޑްނައިޓްސް 14.5 މިލިއަނަށް އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު ދައުލަތުގެ ރަސްމީ ރިޒާވަށް ބަލާއިރު، 2026 ވަނަ އަހަރުގެ ނިޔަލަށް 817.7 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެކަމަށް އަންދާޒާ ކުރެވޭ ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި 2027 ވަނަ އަހަރު ރިޒާވް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 907.2 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު 2025 ވަނަ އަހަރު ހޯދި އިޤުތިސާދީ ކުރިއެރުމާއެކު، އެ އަހަރުގެ ޑިސެމްބަރު މަހު ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ އިތުރުން، މި އަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހުވެސް ފަތުރުވެރިން އަންނަ މިންވަރު ހުރީ އަންދާޒާކުރިވަރަށް ކުރިއަރާފައި ކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު ހިސާބުގައި މުޅި ދުނިޔޭގެ އިޤުތިސާދު ގުޑުވާލީ ބޮޑު ހަނގުރާމައަކުން ކަމަށާއި މިއީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މާލިއްޔާއަށް ކުރިމަތިވި ތިންވަނަ ބޮޑު "ޝޮކް"ގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
"މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރިއާއި ދަތުރުފަތުރަށް ލޮޅުންތަކެއް ކުރިމަތިވި. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދިޔަ. ވައިގެ ދަތުރުފަތުރުގެ އަގު އުފުލި، އެއާލައިންތަކުގެ ދަތުރުތައް މަދުވާން ފެށި. މީގެ ސީދާ އަސަރު އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރި،" ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ނަތީޖާއެއްގެ ގޮތުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން މެދުއިރުމަތީގައި ޓްރާންސިޓްކުރާ ހަބްތަކަށް ބުރޫއަރައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރަށް ނޭދެވޭ އަސަރުތަކެއް ކުރި ކަމަށެވެ. އެހެންކަމުން މާރިޗު މަހާއި އެޕްރީލް މަހު ރާއްޖެ ޒިޔާރާތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 23 އިންސައްތަ ދަށްވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އަންގާރަ ދުވަހުގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު ވަނީ ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 3.6 އިންސަތައިން ދަށްވެފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރަށް އަންދާޒާކުރި އަދަދަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް މިހާރު ނުބެލެވުނު ކަމުގައި ވިޔަސް، 2025 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރީންގެ ޖުމުލަ އަދަދާއި ގާތްކުރާ އަދަދަކަށް، މި އަހަރު ނިމޭއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޒަރީރު ވިދާޅުވިއެވެ.
"މިފަދަ އަސަރުތައް އިޤްތިޞާދަށް ކުރި ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ އިޤްތިޞާދީ ވިލުންތެރިކަން ވަރަށް ވަރުގަދަ. އުފަލާއެކު ދަންނަވަން އޮތީ މިއަހަރުގެ މިހާތަނަށް ބަލާއިރުވެސް، އަޅުގަނޑުމެން މިއަހަރަށް އަންދާޒާކުރި މިންވަރަށް ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ބެލެވޭ،" ޒަރީރު ވިދާޅުވިއެވެ.