ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި، ތިން މީހަކަށް މިރޭ އަނިޔާވެއްޖެއެވެ.
މެރިން ޕޮލިހުން ބުނި ގޮތުގައި، އެކްސިޑެންޓު ހިނގާފައި ވަނީ މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި މިރޭ 09:10 ހާއިރެވެ.
އެ ސަރަހައްދުގައި މެރިން ޕޮލިހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު، މި އެކްސިޑެންޓުގައި ތިން މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މެރިން ޕޮލިހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ދައުރުވާ ވީޑިއޯތަކާ ފޮޓޯތަކުން އެނގޭ ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.

މިގޮތުން، އެލްޖީއެން 101 ނަމަކަށް ކިޔާ މި ލޯންޗުގެ ސީޓުތަކާއި އެއް ފަޅި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މީގެކުރިން ވެސް މި ފަދަ ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ. މި އެކްސިޑެންޓުތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބި، އެކި ވަރުގެ ގެއްލުންތައް ލިބިފައި އެބަހުއްޓެެވެ.