އިދިކޮޅު މައި ޕާޓީ، އެމްޑީޕީއިން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން މަސައްކަތްކުރީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވުމުން ހައިރާންވާ ކަމަށާއި، އެ މައްސަލަ މިހާތަނަށް އެއްވެސް ރަސްމީ އިދާރާއަކަށް ހުށަހަޅާފައިނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މި ހާދިސާއާ ގުޅިގެން ރޭ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ތުހުމަތުކުރެއްވި ގޮތުގައި އޭނާއަށް ހަމަލަދިނީ ސަރުކާރުން ދުރާލާ ރާވައިގެން ބަޔަކު ލައްވައެވެ. އަދި އޭނާ ވަނީ އެ ކަން ކުށްވެރިކުރައްވައިފައެވެ.
އެއާއެކު އެ ކަން ދޮގުކުރުމަށް ސަރުކާރުން މި ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އެ އަމަލު އެމަނިކުފާނު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓުން ހޮވާފައިވާ ބޭފުޅަކަށް ވާއިރު، އެއްވެސް ސިޔާސީ ލީޑަރަކަށް ހަމަލާދީ ބިރުދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިކަމަށް ވެސް ބަޔާނުގައިވެއެވެ.
އަދި ބަޔާނުގައިވާ ގޮތުން، ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، މިއީ ސަރުކާރުން ކުރި ކަމެއް ކަމަށް އާޒިމް ވިދާޅުވީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، އެފަދަ ތުހުމަތުތައް ކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް މުންދު ވިދާޅުވިކަމަށް ވެސް ބަޔާނުގައި އޮތެވެ.
މުންދުއާ ހަވާލާދީ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގިތާ އެތައް އިރެއްވީއިރު ވެސް އެމްޑީޕީގެ ފަރާތުން ނުވަތަ ސިޓީ ކައުންސިލުން ވެސް މިކަން ފުލުހަށް ރިޕޯޓުކޮށްފައި ނުވެއެވެ. ނަމަވެސް، މީސްމީޑިއާގައި ދައުރުވި ވީޑިއޯ ފެނުމާއެކު ފުލުހުން މިހާރު އަމިއްލަ އިސްނެގުމަށް އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މާލޭގެ މޭޔަރަކީ އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ބޭފުޅެއްކަން ފާހަގަކުރައްވައި މުންދު ވިދާޅުވިކަމަށް ބަޔާނުގައިވަނީ ދައުލަތުގެ އިސް ބޭފުޅުންގެ ތްރެޓް އެސެސްމަންޓް ފުލުހުން އަބަދުވެސް ހައްދަވާނެ ކަމަށާއި، ނުރައްކަލެއް އޮތް ނަމަ ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ.