ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓް: "ދޯނި މަޑުނުކޮށް ދިޔަ"

މިރޭ އެކްސިޑެންޓުވި ލޯންޗަށް ގެއްލުންވެފައި --- ފޮޓޯ/ މެރިން ޕޮލިސް

ލޯންޗަކާއި ދޯންޏެއް ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި، ދޯނި މަޑުނުކޮށް ދިޔަ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިރޭ ބުނީ ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު މިރޭ 21:16 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

https://sun.mv/224451

ފުލުހުން ބުނީ ​މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކަނޑުމަތިން ދެ އުޅަނދެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ހިމެނޭ އަނެއް ކަނޑުއުޅަނދު ވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައެވެ.

އަދި މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ޖުމުލަ ފަސް މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

​މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މެރިން ޕޮލިހުން ބުނި ގޮތުގައި، އެކްސިޑެންޓު ހިނގާފައި ވަނީ މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި މިރޭ 09:10 ހާއިރެވެ.

މި ހާދިސާއާ ގުޅިގެން ދައުރުވާ ވީޑިއޯތަކާ ފޮޓޯތަކުން އެނގޭ ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. މިގޮތުން، އެލްޖީއެން 101 ނަމަކަށް ކިޔާ މި ލޯންޗުގެ ސީޓުތަކާއި އެއް ފަޅި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

comment ކޮމެންޓް