އެމްޑީޕީއަށް ގެންނަން ޖެހޭ ބަދަލުގެ މަގުޗާޓު ނިންމަން ކޮމިޓީއެއް، ޗެއާއަކީ ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި ކުރީގެ ރައީސް އަދި މިހާރުގެ ޗެއާޕާސަން މުޙައްމަދު ނަޝީދު: އެމްޑީޕީގެ މަގުޗާޓު އެކުލަވައިލުން ނިންމައިލާ ކޮމިޓީގެ މުގައްރިރަކީ ފައްޔާޟް --- ސަން ފޮޓޯ: އަޙްމަދު އިޔާދު

މައި އިދިކޮޅު އެމްޑީޕީގެ އަސާސީ ގަވައިދާއި ހިންގުމަށް އަންނަން ޖެހޭ ބަދަލުތަކުގެ މަގުޗާޓުގެ މަސައްކަތްތައް ނިންމުމަށް ކޮމިޓީއެއް އެކުލަވައިލައި، އެ ކޮމިޓީގެ މުގައްރިރުކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ހަމަޖައްސައިފިއެވެ.

ދެހާސް ތޭވީސްވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާއި އޭޕްރިލް 2024ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު، އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް ވަރުގަދަކުރުމަށްޓަކައި މަގުޗާޓެއް އެކުލަވައިލުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ފަށަން އެ ޕާޓީން ނިންމީ މީގެ ދެ އަހަރުކުރިން ޖޫން 11، 2024ގައެވެ.

އެ މަސައްކަތް ފެށީ ފައްޔާޒުގެ ޗެއާޕާސަންކަމުގައެވެ. ނަމަވެސް މިދިޔަ ނޮވެންބަރު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ.

އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައިވަނީ، މެއި ދޭއް، 2024ގައި އެ ޕާޓީގެ އިދާރާއިން ވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގުޗާޓު އެކުލަވައިލައިފައި ކަމަށެ

އެ މަގުޗާޓުގެ މަސައްކަތް ނިންމުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު 10 މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލައިފައިވާ ކަމަށް، އިއުލާނުގައިވެއެވެ. ފައްޔާޒު މުގައްރިރުކަން ކުރައްވާ އެ ކޮމިޓީގައި އޭނާގެ އިތުރުން ނުވަ ބޭފުޅަކު ތިއްބަވައެވެ. އެއީ:

  1. ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ
  2. މާފަންނު އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހްމީ
  3. ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޞާދިޤް
  4. އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު މަޢުރޫފް އަޙްމަދު
  5. އެމްޑީޕީގެ އިދާރީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު
  6. އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ކުރީގެ ލީޑަރު މުޙައްމަދު ރަޝީދު ޙުސައިން
  7. އެމްޑީޕީގެ މާލީ ޑެޕިއުޓީ ޗެއާޕާސަން އަޙްމަދު އަބްދުﷲ
  8. އެމްޑީޕީގެ ކުރީގެ ލީގަލް ޑިރެކްޓަރު އަދި ގާނޫނީ ވަކީލު މަޙްފޫޒް ސަޢީދު
  9. ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު ޢަބްދުލްލަޠީފް

އެމްޑީޕީގެ މަގުޗާޓު އެކުލަވައިލުމުގެ މަސައްކަތް ފެށިކަން ހާމަކުރައްވައި ފައްޔާޒު އޭރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާ ކަމަށާއި، އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

އަދި މުއައްސަސާއެއްގެ ގޮތުގައި ޕާޓީ އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިއްމު ކަމެއް ކަމަށާއި، އެ ކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު އެ މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް އޭނާ އެދިވަޑައިގަތެވެ.

އަދި, އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތައް ބިނާވާނެ އަސާސްތައް ފެންނަ، ޕާޓީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވެފައިވަނީ މަގުޗާޓު އެކުލަވައިލާނީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށާއި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާ ވެސް ހިއްސާކުރާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ، އަންނަ ސެޕްޓެންބަރު މަހު އެމްޑީޕީގެ ކޮންގްރެސް ބާއްވަން މަސައްކަތްކުރަމުން އަންނަކަން ހާމަކުރައްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީއަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީތަކަށް ފަހު، މި އަހަރު އޮތް ވޯޓުތަކުގައި އެ ޕާޓީން ކުރި ހޯދައިފައިވެއެވެ. އެގޮތުން ކައުންސިލް އިންތިޚާބުގައި މުހިންމު ގިނަ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރިއިރު، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓު ނިމިފައިވަނީ، އެމްޑީޕީން ބޭނުންވި ގޮތަށް އެކަމާ ދެކޮޅަށެވެ.

comment ކޮމެންޓް