މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ހަލާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ފައިސާއަކީ ސާކް ގައުމުތަކުގެ ކަރަންސީ ސުވޮޕް އިންތިޒާމުގެ ދަށުން 2024ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެގި ފައިސާ ކަމަށެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓަށް އެހީވުމަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިހާރު ވަނީ ދައްކާފައެވެ.
މި ލޯނު ދެއްކިކަން ހާމަކުރިއިރު، މި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން މި ހަފުތާގެ ތެރޭ ރިޕޯޓުކޮށްފައެވެ. އިންޑިއާ ސަރުކާރުން ވެސް ނުވަތަ ދިވެހި ސަރުކާރުން ވެސް އެ ކަމުގައި ވަކި އެއްޗެއް އޭރު ނުބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، 30 ބިލިއަން އިންޑިއަން ރުޕީސް ބޭނުންކުރުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި 30 ބިލިއަން ރުޕީސްގެ މި އެހީގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން ވަރުގަދަވެގެންދާނެއެވެ. ހާއްސަކޮށް މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް މިއީ މުހިންމު އެހީއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖެހިފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
އިންޑިއާ ސަރުކާރުން ދެމުންގެންދާ މި އެހީތެރިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، މިއީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖެއަށް ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.