ދިވެހި ސަރުކާރަށް ންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އިޤްތިޞާދީ އަދި މާލީ އެހީތެރިކަމުގެ ދަށުން، ރާއްޖެއަށް 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ދޫކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "ސާކް ޤައުމުތަކަށް ޚާއްސަ ކަރަންސީ ސްވޮޕް އިންތިޒާމުގެ އޮނިގަނޑު" ގެ ދަށުން މި ފައިސާ ދޫކުރުމަށް ނިންމާފައިވަނީ މީގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކަމަށެވެ.
މިއީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދިޔަ އެހީތެރިކަމެކެވެ.
މި އޮނިގަނޑުގެ ދަށުން މީގެ ކުރިން އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖެއަށް ދޫކުރި 400 މިލިއަން އެމެރިކާ ޑޮލަރުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.
އަދި 2024 އިން 2027 އަށް އެކުލަވާލާފައިވާ އައު އޮނިގަނޑުގެ ދަށުން މިހާރު ދޫކުރާ ރޫޕީ ސްވޮޕް ފެސިލިޓީގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުގައި ބޮޑެތި ލުއިތަކެއް ހިމެނޭކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ.
ދެހާސްބާރަވަނަ އަހަރު ސާކް ސްވޮޕް ފްރޭމްވޯކް ފެށުނީއްސުރެ، ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކުއްލި މާލީ އެހީތެރިކަމުގެ ގޮތުގައި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކުގެ މުއްދަތު ވެސް އިންޑިއާއިން ވަނީ މިދިޔަ އަހަރު އިތުރުކޮށްދީފައެވެ.
އިންޑިއާ ހައިކޮމިޝަނުން އިތުރަށް ބުނެފައިވަނީ، އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ތަޞައްވުރުގެ ދަށުން ރާއްޖެއަކީ އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ގާތް އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެ ގައުމުން ވަނީ ދީފައެވެ.