ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭހެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް "ބޮޑު ބަދަލެއް"ގެ ނަމުގައި، ގާނޫނުއަސާސީއަށާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ފެނިވަޑައިގަންނަވާ ބޮޑެތި ބަދަލުތަކެއް މިއަދު ހުށަހަޅުއްވައިފިއެވެ.
ދެ ބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒާއި ނަޝީދު ވަނީ ގާނޫނުއަސާސީއަށާއި، ވެރިކަމުގެ ވައްޓަފާޅިއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އިގުތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައް ހުށަހަޅުއްވައިފައެވެ.
އެ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. އޭގެ އިތުރުން ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުމާއި، ދައުލަތުގެ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުން ހިމެނެއެވެ.
މި ބަދަލުތައް ތަފުސީލުކޮށްދެއްވަމުން ފައްޔާޒް ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އަބަދުވެސް މައްސަލަ އުޅޭ ވާހަކަ ދެކެވޭކަން ފާހަގަކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ އަބަދުވެސް މަޖިލީހަށް ޖަވާބުދާރީކުރުވަނިވި ބޭފުޅަކަށް ވާންޖެހޭކަމަށް ވާހަކަދެކެވޭކަން ވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.

"ބޮޑު ބަދަލެއް"ގެ ނަމުގައި ހުށަހަޅުއްވާ ޚިޔާލު ފައްޔާޒް ތަފްސީލުކޮށްދެއްވަނީ --- ސަން ފޮޓޯ: އަޙްމަދު އިޔާދު
"އަޅުގަނޑުމެން މި ހުށަހަޅަނީ ހަމަޖެހުމާއި ސިޔާސީ ކަންކަމުގެ މައްޗަށް މީހަކު ހުންނަންޖެހެޔޭ، އެގޮތުން ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު ހުންނަންޖެހޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މި ހުށަހަޅަނީ،" ހުށަހެޅުއްވި ބަދަލު ތަފުސީލުކޮށްދެއްވަމުން ފައްޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ދައުލަތުގެ ވެރިޔާގެ މަގާމު ބައްޓަންކުރެވިފައި އޮންނަން ވާނީ ސިޔާސީ ކަންކަމުން އެއްކިބާވެފައި ހުންނަ، ގައުމުގެ މުހިންމު ކަންކަމުގައި ބަސް ކިޔައި، ކަންކަންކުރާ ގޮތަށެވެ.
"ޚާއްސަކޮށް ރައްޔިތުންގެ ބާރުވެރިކަން، ގާނޫނުއަސާސީގެ ބާރުވެރިކަން ހިމާޔަތްކުރުމުގެ ރޯލެއް ދައުލަތުގެ ވެރިޔާއަށް އޮތުމަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ރަނގަޅު ބަދަލަކަށް ވާނެ،" ފައްޔާޒް ވިދާޅުވިއެވެ.
ދައުލަތުގެ ވެރިފަރާތް އައްޔަންކުރާނީ ކައުންސިލާއި މަޖިލީހުން އެކުވެގެން ކަމަށްވެސް، ފައްޔާޒް ވިދާޅުވިއެވެ.

"ބޮޑު ބަދަލާ" ގުޅޭ ތަފްސީލު، ފައްޔާޒް ދެއްވަނީ --- ސަން ފޮޓޯ: އަޙްމަދު އިޔާދު
ގާނޫނުއަސާސީއަށް ފައްޔާޒާއި ނަޝީދުގެ ފަރާތުން ހުށަހެޅުއްވި ބަދަލުތަކުގެ ތެރޭ ހިމެނެނީ، މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވަން އޯވަސައިޓް ކޮމިޝަނެއް ގާއިމްކުރުމާއި، އާންމު ވޯޓަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ހެދުމާއި، ބޮޑެތި އަދި މުހިއްމު ބަދަލުތައް ކައުންސިލަރުންނާއި މަޖިލިސް އެކުވެގެން ގެނެވޭ ގޮތަށް ހެދުމެވެ.
ފައްޔާޒް ވިދާޅުވީ، ގާނޫނުއަސާސީ ތަފްސީލުކޮށްދީފައި ނެތުމުން، ގާނޫނުތަކާއި ޑިމޮކްރަސީ ގަބޫލުނުކުރާ، ގައުމަށް އިޚުލާސްތެރިނޫން ވެރިންނަށް، ރައްޔިތުންގެ ހައްގުތައް ބަދަލުކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ހުށަހަޅާ އެއް ހުށަހެޅުމަކީ ރައްޔިތުންގެ ރައްކާތެރިކަމަށް ހުރި ހުރިހާ މާއްދާތައް، އޭގެ ތެރޭގައި ޑިމޮކްރަސީއާ ގުޅުންހުރި، ރައްޔިތުންގެ ބާރުވެރިކަމާ ގުޅުންހުރި ހުރިހާ މާއްދާއަކީވެސް ވަރަށް ސާފުކޮށް، އެކި ގޮތްގޮތަށް މާނަނުކުރެވޭ މިންވަރަށް ގާނޫނުއަސާސީގައި ލިޔެވިފައި އޮންނަ އޮތުން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިސްމާޢީލް "ބޮޑު ބަދަލެއް" ތަފްސީލުކޮށްދެއްވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަޙްމަދު އިޔާދު
އޭނާ ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ވެރިކަމުގެ ނިޒާމު އޮތީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ނުކުޅެދިފައި ކަމަށެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ވެރިކަމުގައި އޮންނަ ފަރާތަށް ލިބުނީމަ ޗެކް އެންޑް ބެލެންސް ގެއްލޭ ކަމަށާއި، ކިތަންމެ ބޭނުންވިޔަސް ނުވިޔަސް ފަނޑިޔާރުގެތައްވެސް ކޮންޓްރޯލް ކުރެވޭ ކަމަށެވެ.
މީގެ އިތުރުން، މަޖިލީހުގެ އަދަދު ހިފަހައްޓައި އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށާއި، އަންހެނުންނަށް މަޖިލީހުން ފުރުސަތު ފަހިކޮށްދިނުމާއި، މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށްވެސް، ދެ ބޭފުޅުންގެ ފަރާތުން ހުށަހެޅުއްވިއެވެ.
އަދި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުތައް އިތުރުކުރުމަށާއި، ދައުލަތުގެ އެންމެ މަތީ ވެރިޔާ ވަކިކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމާއި، ގުދުރަތީ ވަސީލަތްތައް ފަނާކޮށް ދައުލަތުން ކުރަމުންދާ އިސްރާފު ހުއްޓުވުމާއި، ދައުލަތުން ވިޔަފާރިތަކާއެކު އެކުލަވައިލާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން، މި ބަދަލުތަކުގެ ތެރޭ ހިމެނެއެވެ.
މި ބައްދަލުވުމުގައި، މީގެ ކުރިންވެސް އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ނަޝީދު ވަނީ، އެ މަގާމަށް އަލުން ވާދަކުރައްވާނެކަން ހާމަކުރައްވައި، ރާއްޖޭގެ ރައީސްކަމަށް ފައްޔާޒް ގެނައުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ. ހަމަ އެއާއެކު، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ޚިދުމަތްކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަށް ބަދަލުގެނައުމަކީ މީގެ ކުރިން ވެސް އެމްޑީޕީގައި އުފެދިފައި އޮތް ބަހުސެކެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ނަޝީދު އަބަދު ވެސް ވަކާލާތު ކުރައްވާ ގޮތެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންނާއި ފަހުން ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ބޭނުންފުޅު ވާކަން ޞާލިޙަށް ދަންނަވާފައެވެ. އަދި ބޮޑުވަޒީރަކަށް ވާން ތައްޔާރަށް ހުންނެވިކަން ހާމަ ކުރައްވައިފައި ވެސްވެއެވެ.
ނަޝީދު ބޭނުންފުޅުވީ ޞާލިޙްގެ ރިޔާސީ ދައުރުގެ މެދުތެރެއިން، ނިޒާމު ބަދަލު ކުރުމާ ބެހޭ ވޯޓެއް ނެގުމަށެވެ. ނަމަވެސް އެއީ ސިޔާސީ ގިނަ ލީޑަރުން ވެސް ދެކޮޅު ހެއްދެވި ގޮތެވެ.
ނިޒާމީ ބަހުސްގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ޞާލިޙް 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުމުން އެމްޑީޕީ ތެރޭގައި މައްސަލަ އިތުރަށް ގޯސްވިއެވެ. އަދި ނަޝީދަށް ތާއީދު ކުރައްވާ މީހުން ވަކި ފެކްޝަނެއް އުފެއްދުމަށް ފަހު، ޕާޓީން ވެސް ވަކިވެ އައު ޕާޓީއެއް އުފެއްދީއެވެ.
އެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރިއިރު، ޞާލިޙަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ، އެ މަނިކުފާނާއި ނަޝީދުގެ ދެބަސްވުމުގައި ޕާޓީ ބައިބައިވުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މި ސަރުކާރުގެ ކުރީކޮޅު ނަޝީދު ވަނީ މިއީ އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ސަރުކާރެއް ކަމަށް ވެސް ވިދާޅުވެފައެވެ. އެކަމަކު، ފަހުން އެ ޕާޓީ ދޫކޮށްލެއްވުމަށް ފަހު، ޕާޓީގައި އިސްކޮށް ތިއްބެވި އެންމެން އެމްޑީޕީއާ ގުޅެން ނިންމީ އޭގެ ފަހުން މި އަހަރެވެ.
ނަޝީދު ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު ވެސް ޞާލިޙާ ދެބަސްވުންތަކެއް އުފެދި، މައްސަލަ ބޮޑުވުމުން، އަލުން ސުލްހަވެފައިވާ ކަމަށް ދެ ފަހަރެއްގެ މަތިން ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފައްޔާޒަށް ތާއިދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވީ، ޞާލިޙް ވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފައި ވަނިކޮށެވެ.