ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށާއި އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ބަހުގެ ހަމަލާތައް ވެސް ރައްދުކުރެއްވި ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
ދެ ބޭފުޅުން އެކުގައި 'ބޮޑު ބަދަލު'ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް ވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ.
އަދި، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ގޮތުން ވެސް ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅާފައެވެ.

ނަޝީދު: އެ މަނިކުފާނު ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ނިންމަވާފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު
"މި ބޮޑު ބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒް އިސްމާއިލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ނަޝީދު އިއުލާނުކުރެއްވިއެވެ.
"އަދި، އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،"
އެ މަނިކުފާނު ވިދާޅުވީ، އެފަދައިން އަމަލުކުރައްވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ކޮންމެހެން ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެންނާށެވެ.
މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މޭޒު ދޮށަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ. އަދި، އެކުގައި މަޝްވަރާކޮށްގެން މިހާރުން މިހާރަށް މި ބަދަލުތައް ގެންނަން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ބަދަލުތައް ގެންނަން މަގުމަތީ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެކަން އެ މަނިކުފާނު އިއުލާނުކުރެއްވިއެވެ.
"އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން މި ވިސްނުމުގައި މި ބޮޑު ބަދަލުން އެއީ އެ ހުރިހާ ރައްޔިތުން އެދޭ ބޮޑު ބަދަލެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދިއުން. އެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ 2028 ގައި ރައީސްކަމަށް ފައްޔާޒް ގެންނަން ތާއީދުކުރެއްވި ނަމަވެސް، ދައުލަތުގެ ވެރިއެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރެއްވުމުގެ ޝައުގުވެރިކަން އެ މަނިކުފާނުގެ ވެސް ހުންނެވިކަން ހާމަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނިޒާމީ ގިނަ ބަދަލުތަކެއް ގެންނަން ނަޝީދާއި ފައްޔާޒް ވަކާލާތުކުރައްވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ބަދަލުތައް ގެންނަން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ދެ ބޭފުޅުން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދުގެ ތާއީދު ފައްޔާޒަށް އޮންނާނެކަން ހާމަކުރެއްވިއިރު، އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ވަރަށް ބޮޑެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް މީގެ ކުރިން އެ ފަދަ ޝައުގުވެރިކަމެއް ފާޅުކުރެއްވިއެވެ. އަދި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ކަމަށް މަސައްކަތްކުރައްވާ ކަމަށް އަޑުފެތުރޭއިރު، އޭގެ އިތުރުން ވެސް އެހެން ބައެއް ބޭފުޅުންގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް އެބައޮތެވެ.
ފައްޔާޒާއި ނަޝީދު އެކުގައި މަސައްކަތްކުރައްވާއިރު، އެ ބޭފުޅުންނާއި އެ ޕާޓީގެ ލީޑާޝިޕާ މެދުގައި ކައުންސިލް އިންތިޚާބަށް ފަހު ނުތަނަވަސްކަމެއް އުފެދުނެވެ. އެ ގޮތުން، ދެ ބޭފުޅުންނަށް ވާހަކަދައްކަވަން ފުރުސަތު ނުދެއްވި ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުން ވަނީ ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން އެ ޕާޓީން ބޭއްވި ޖަލްސާއަށް ވެސް ވަޑައިނުގަންނަވަން ނިންމަވާފައެވެ.
އެކަމަކު، އެ ފަހުން ނަޝީދަށް ގައުމީ މަޖިލީހުގެ ގޮނޑިއެއް ދިނުން ހިމެނޭހެން ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި ޕާޓީ ޕާޓީ ހިންގަން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުން ހިމެނެއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
- ކުރީގެ ރައީސް މުހައްމަދު ނަޝީދު
- ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް
- ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
- ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު
- ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް
- ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް