ހައްލަކަށް ދެ ރައީސުން ނޫން ގޮތެއް ކިހިނެއް؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު: ދެ ބޭފުޅުންގެ ވާދަވެރިކަމަށް ބަދަލެއް ނާދޭ-- ފޮޓޯ: އަދަދު

ހަގީގަތާ ކުރިމަތިލަމާތޯއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު އޮތީ އާދައިގެ ވާދަވެރިކަމެއް ނޫނެވެ. އެއީ ހަމަ އެކަނި ރިޔާސީ ޓިކެޓްގެ ވާދަވެރިކަމެއް ވެސް ނޫނެވެ. އަދި ހަމަ އެހެންމެ އެކަން އޮތީ ޕާޓީ އެތެރެއާއި އެ ދެބޭފުޅުންގެ ސަޕޯޓަރުންގެ މެދުގައެއް ވެސް ނޫނެވެ. އެއަށް ވުރެން މާ ވަރުގަދަ ގުޅުންތަކާ ހަމައަށް އެ ވާދަވެރިކަން އެ އޮތީ ފެތުރިފައެވެ. އުފާކުރަންވީ ދުވަހު, "ހިފައިގަނެގެން" އެ އުޅުއްވަނީ އެހެންވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން މިވަނީ ބޮޑު ނޫނެކޭ ބުނެފައެވެ. މި އިންތިޚާބުގައި ހުރިހާ ސިޓީތަކެއްގެ މޭޔަރުކަން އެމްޑީޕީން ދިފާޢުކުރުމަކީ އެ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ހަމައެއާއެކު، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ހުށަހެޅި އިސްލާޙަށް 68 އިންސައްތަ މީހުން ވަނީ ނޫނެކޭ ބުނެފައެވެ. މިއާއެކު ރައީސް މުއިއްޒަށް ދެން ސިޔާސީ ގޮތުން މިވަގުތަށް މާ ބޮޑު ފުރުސަތެއް ނެތް ކަމުގެ އަޑު މިވަނީ އިންތިހާއަށް ގަދަވެފައެވެ.

ނަމަވެސް އެމްޑީޕީއަށް ރައްޔިތުން އިތުރު ފުރުސަތެއް ދިން ވަގުތު، އެ ކަމައިގެން ކުރިއަށް ދިއުމުގެ ބަދަލުގައި ޕާޓީގެ އެތެރޭގެ ހަމަނުޖެހުން މިވަނީ އަނެއްކާވެސް ބޮޑުވެފައެވެ. ޚާއްޞަކޮށް ނަޝީދާއި ޞާލިޙްގެ މެދުގައި އޮތް ވާދަވެރިކަން އަލުން ފެށި، ޕާޓީގެ އެތެރޭގެ މަސްރަޙު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މާޒީއިން އަރައެއް ނުގަނެވޭ, އެ ދެ ހިތް ނުގުޅޭ!

އެމްޑީޕީއަށް 2023ގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ނާކާމިޔާބުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޞާލިޙްގެ ސަރުކާރުން ހެއްދެވި ގޯސްތަކާއި ނަޝީދާއި ޞާލިޙާ ދެމެދު ޖެހުނު މައްސަލަތައް ހިމެނެއެވެ. އެ ވެރިކަމުގެ ފަހުކޮޅު މުޅި އެމްޑީޕީ ދެބައިވެ، އެ ޕާޓީގެ ތެރެއިން އާ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސް ނަޝީދު އުފެއްދެވިއެވެ. ނަމަވެސް ފަހުން އެމްޑީޕީން ވަކިވި މީހުން ވަނީ ނަޝީދާއެކު އެނބުރި އެމްޑީޕީއަށް އައިސްފައެވެ. އަދި ނަޝީދާއި ޞާލިޙް ވަނީ މީޑިއާ ކުރިމަތީގައި މައްސަލަތައް ހައްލުކޮށް، ދެބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާކަން ހާމަކުރައްވައިފައެވެ.

https://www.sun.mv/220172

އެހެންނަމަވެސް، މި އެއްބައިވަންތަކަމަކީ ވަގުތީ ކަމެއްކަން މިހާރު މިވަނީ އަނެއްކާ ވެސް ހާމަވެފައެވެ.

ފަހުގެ އިންތިޚާބީ ކާމިޔާބީއާއެކު އަނެއްކާވެސް ނަޝީދާއި ޞާލިޙްގެ ވާދަވެރިކަން މިވަނީ ފެށިފައެވެ. ފުރަތަމަ ބަހުސް ފެށުނީ މި ކާމިޔާބީގެ ފަހަތުގައި ވަނީ ޞާލިޙް ތޯ ނުވަތަ ނަޝީދުތޯ ކުރެވުނު ސުވާލުންނެވެ. ދެން އުފާފާޅުކުރުމުގެ ޖަލްސާގައި ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ފަހު ވަގުތު ނުދިނުމުން ޕާޓީތެރެ ގޯސްވެ ހޫނުވިއެވެ. އެއާއެކު ޕާޓީގެ މަގާމުތަކުން މީހުން ކުއްލި ގޮތަކަށް ވަކިކުރުމާއި، އެކަކު އަނެކަކަށް ފާޅުގައި ފާޑުކިޔުން ފަދަ ކަންކަން މިވަނީ ހިނގަން ފަށައިފައެވެ. މި ކަންކަމުގެ ސަބަބުން، ޕާޓީގެ އާންމު މެންބަރުންގެ މެދުގައި މާޔޫސްކަން އުފެދި، ޕާޓީގެ ލީޑާޝިޕާމެދު އޮތް އިތުބާރު ކުޑަވުމުގެ ބިރު ވަނީ ހީވެފައެވެ.

އެމްޑީޕީގެ ކެމްޕޭން ތެރޭގައި ޞާލިޙާއި ނަޝީދާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު -- ފޮޓޯ/ އެމްޑީޕީ
ހަމަ ގައިމު ވެސް އަދިއެއް, ދެ ރައީސުން ކުރެ ރައީސަކު ފަހަތަށް ޖެހިވަޑައިގަންނަވަން އުޅުއްވާ މަންޒަރެއް ނުފެނެއެވެ. މިހެންވާ ސަބަބުތައް ކިޔައިދެއްވަމުން މިދިޔަ ދައުރުގައި މަޖިލިސް މެންބަރުކަން ކުރެއްވި، އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވިގޮތުގައި ދެ ރައީސުންގެ ކައިރީގައި އުޅުއްވާ، އަމިއްލަ ވިޔަފާރިއާއި އަމިއްލަ އެހެން ބޭނުންތަކަށް އުޅުއްވާ ބޭފުޅުން އެ ބޭފުޅުންނަށް 2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުވާ މަންޒަރު އަބަދުމެ ދައްކަވައެވެ. ފަހަތަށް ޖެހިވަޑައިނުގެން އެ އުޅުއްވަނީ އެ ސަބަބުތަކާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ވެރިކަމެއްގައި ވެސް އުޅެއެއްނު ދައުލަތުން ނާޖާއިޒު ފައިދާ ނަގައިގެން އުޅޭ ބައެއް. އެ މީހުން މި ތިބެނީ ކޮންމެ ރައީސެއް އަރިހުގައި ވަރަށް ގާތްކޮށް. އެ ބޭފުޅުން މި ދައްކަވަނީ ހޮވޭ މަންޒަރު. އެއީ ފަހަތަށް ނުޖެހިގެން މިއުޅޭ މައިގަނޑު ސަބަބު،" އެ ބޭފުޅާ ވިދާޅުވިއެވެ.

މީގެ ހަތަރު މަސް ކުރިން ރައީސް ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ އެ މަނިކުފާނާއި ޞާލިޙް ރިޔާސީ ރޭހަށް ނިކުމެވަޑައިނުގަތުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނަޝީދު މީގެ ކުރިން އަމަލުކުރައްވާފައިވާ ގޮތްތަކަށް ބަލާއިރު އެގޮތަށް ވިދާޅުވި ނަމަވެސް އެއާ އިދިކޮޅަށް މަސައްކަތްކުރެއްވުމަކީ އެންމެ ގާތްގޮތެވެ. އަދި މިހާރު އެ މަންޒަރު އެބަފެނެއެވެ.


ދެ ބޭފުޅުންގެ ވާދައިގައި ދެން ޕްރައިމަރީއަކަށް ގޮސްފިނަމަ ވެސް ޕާޓީތެރެ ބައިބައިވުމުގެ ފުރުސަތު ބޮޑެވެ. އެއީ މިދިޔަ އެމްޑީޕީގެ ވެރިކަން ގެއްލުމާއި އެ ޕާޓީ "ރޫޅާލަން" އުޅުއްވީތީ ނަޝީދާ ދެކޮޅު ފިކުރެއް އެ ޕާޓީގެ ތެރޭގައި އެބައޮތެވެ. އަނެއްކޮޅުން ޞާލިޙްގެ ވެރިކަމުގައި އެމްޑީޕީގެ އަސްލު ސިޔާސަތުތަކާ ޚިލާފަށް ކޮރަޕްޝަނަށް ފުރުސަތު އޮތުމާއި މަގާމުގެ ނާޖާއިޒު ފައިދާތައް ނެގިޔަދިނުން ފަދަ ކަންކަމާ ހުރެ ޞާލިޙާ ވަރަށް ދެކޮޅު ފިކުރެއް ވެސް އެ ޕާޓީގައި އެބައޮތެވެ.

އިންތިޚާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާ: އެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިނުގަންނަވާ -- ފޮޓޯ/ އެމްޑީޕީ

އެހެންވީމަ އެ ދެ ބޭފުޅުން ވާދަ ކުރައްވާ, ޕްރައިމަރީއެއްގެ ނަތީޖާ އަންނަ ގޮތަކުން އަނެއްކާވެސް ކޮންމެވެސް އެއް ބޭފުޅަކު ބޮޑާހާކައި ޕާޓީއާ ދުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އައު ބޭފުޅަކަށް ފުރުސަތު ދިނުން: އެންމެ ރަނގަޅު ހައްލު

ނަޝީދާއި ޞާލިޙަށް ވެސް އެމްޑީޕީން ވަނީ ރިޔާސީ ރޭހުގައި ވާދަކުރައްވަން ދެ ފުރުސަތު ދީފައެވެ. ނަމަވެސް ދެ ބޭފުޅުންނަށް ވެސް މަގާމު ދިފާއުކުރެއްވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ޕާޓީގެ ތެރެއިން އާ ބޭފުޅަކަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެތައް ބޭފުޅުންނެއް ގަބޫލުކުރެއެވެ.

https://www.sun.mv/214357

"ރައީސް މައުމޫން އަބްދުލްގައްޔޫމު ދިގު ވެރިކަމެއް ކުރެއްވީމަ އެއާ ދެކޮޅަށް ނުކުތް ބައެއް އަޅުގަނޑުމެންނަކީ. އެކަމަކު ޕާޓީތެރެއިން ޚާއްސަކޮށް ދެ ރައީސުން ފަރާތުން މިފެންނަނީ ހަމަ އިތުރު ބޭފުޅަކަށް ފުރުސަތު ނުދެއްވައި އެ ދެބޭފުޅުން އަނެއްކާ މަގާމު ބޭނުންވާތަން. މިއީ ގޯހެއް. ހައްލު ވަރަށް ސާފު. ދެ ބޭފުޅުން ފަހަތަށް ޖެހުނީމަ މި ހުރިހާ ކަމެއް ހައްލުވީ،" އެމްޑީޕީގެ ލީޑާޝިޕްގައި މިހާރު ވެސް މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

"ދެ ރައީސުން ފަހަތަށް ޖެހިފައި. އަވަހަށް ޕްރައިމަރީ ބާއްވާފައި ހޮވޭ ބޭފުޅެއްގެ ފަހަތުގައި ހުންނެވީމަ މިކަން ހައްލުވީ."

ދެން ސުވާލަކީ މި ދެ ރައީސުން ނޫނީ އެމްޑީޕީގެ އެތެރޭގައި ރިޔާސީ ރޭހަށް ނުކުންނަވާނެ ފަދަ ބޭފުޅަކު އެބަ ހުންނެވިތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. ކިތަންމެ ޗޮއިސްއެއް އެބަ އޮތެވެ. އޭގެ ތެރޭގައި ސިއްރާއި ފާޅުގައި ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާ ބޭފުޅުންނާއި ސައި މޭޒުތަކުގައި ޗޮއިސްއަކީ އެއީ ކަމަށް ވާހަކަ ދެކެވޭ ބޭފުޅުން ހިމެނެއެވެ.

އޭގެ ތެރޭގައި މައުމޫންގެ ވެރިކަމުގައި ސިޔާސީ ހަޔާތް ފެއްޓެވި، އަދި ވަރަށް ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށްވާ އެމްޑީޕީގެ މިހާރުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާއި، މާލޭގެ މޭޔަރުކަން ދެވަނަ ދައުރަކަށް ކާމިޔާބުކުރެއްވި އާދަމް އާޒިމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ފަދަ ބޭފުޅުންނަކީ ވެސް ފާހަގަކޮށްލެވޭ ނަންތަކެވެ. މީގެ ތެރޭގައި ރައްޔިތުންގެ ތެރޭގައި ވިއްކަން ފަސޭހަ ބޭފުޅުން ވެސް އެބަހިމެނެއެވެ.

ނަޝީދާއި ޞާލިޙް ވެސް އެމްޑީޕީއަށް މުހިންމެވެ. ނަޝީދު ރަށްރަށަށް އަރާވަޑައިގަތުމުން ރައްޔިތުން އެ އުޅޭގޮތަކީ އަސްލު އެމްޑީޕީގެ ވައިބެވެ. ސަޕޯޓަރުން ހިފަހައްޓަންށާއި ސިޔާސީ އެ "ކިކް" ގެނައުމަށް ނަޝީދަކީ އެހެން ލެވަލްއެކެވެ. ޞާލިޙަށް ބަލާއިރު މަޝްވަރާ އިސްކުރެއްވުމާއި ދޫދެއްވުން ފަދަ ރަނގަޅު ސިފަތަކާހުރެ ޞާލިޙް ބަލައިގަންނަ މީހުން ވެސް އެ ޕާޓީގެ ތެރޭގައި އުޅެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ އެމްޑީޕީގެ މެންބަރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި ނަޝީދާއި ޞާލިޙް އަދި ތިއްބެވީ ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. ނަމަވެސް އެކަން ކުރައްވަން ޖެހޭ ކަމަށާއި އޭގެ ތެރެއިން އެއް ބޭފުޅަކު ވެސް ޕާޓީއާ ދުރަށް ވަޑައިގެންފިނަމަ އެއީ ޕާޓީއަށް އަނެއްކާވެސް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ދެ ބޭފުޅުން ފަހަތަށް ޖެހިވަޑައިގެން "ކޮމަން ކެންޑިޑޭޓެއް" ދައްކައިފިނަމަ އެ ކެންޑިޑޭޓަކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނެއެވެ.

ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމަށްޓަކައި، ކުރިއަށް އޮތް މަސްތަކުގައި އެމްޑީޕީގެ ލީޑާޝިޕުން ނިންމާ ނިންމުންތަކަކީ 2028 ގެ ނަތީޖާ ކަނޑައަޅާނެ އެންމެ މުހިންމު ފިޔަވަޅެވެ. ދެ ރައީސުންގެ ކޯޅުމަށް ޕާޓީ ގުރުބާން ކުރަންވެއްޖެ ނަމަ އެމްޑީޕީ އަނެއްކާވެސް ވާނީ ބޮޑު ބައްޔެކެވެ. މީގަ ވަރަށް ފަސޭހަ ހައްލެއް އެބައޮތެވެ. އެއީ އާ ބޭފުޅަކަށް ފުރުސަތު ދެއްވައި ދެ ރައީސުން ފަހަތަށް ޖެހިވަޑައިގަތުމެވެ.

comment ކޮމެންޓް