ސިނާގެ ގޮނޑި ގެއްލުމުން ދޭހަވަނީ ރައީސް ޝަރުއީ ދާއިރާއަށް އަތް ނުބާނާކަން: ޒަރީރު

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު: އޭނާ ވިދާޅުވީ ސިނާގެ ގޮނޑި ގެއްލުމުން ދޭހަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަން ކަމަށް --- ފޮޓޯ/ މަޖިލިސް

މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވި ގޮތުގައި، ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑި ޝަރުއީ ކޯޓަކުން ގެއްލުވައިލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަމުގެ އަލިގަދަ ހެއްކެކެވެ. ކުރީގެ އެމްޑީޕީ ސަރުކާރުން ޖޭއެސްސީ އިސްލާހުކުރުމަށް ވެފައިވާ ވައުދު ނުފުއްދާކަމަށް ފާޑުވިދާޅުވެ، މި ސަރުކާރުން އެ ކޮމިޝަން އިސްލާހުކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

  • ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއްގެ ގޮނޑި ގެއްލުމަކީ ޖުޑީޝަރީ މިނިވަންކަމުގެ ހެއްކެއް
  • ރައީސް ޑރ. މުޢިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން
  • އެމްޑީޕީ ސަރުކާރަށް ޖޭއެސްސީ އިސްލާހު ނުކުރެވުނުކަމުގެ ފާޑުކިޔުން
  • މި ސަރުކާރުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެކަމުގެ ވައުދު

ސާބިތު ދަރަންޏެއް ގަވާއިދުން ދައްކަމުން ނުދާ ކަމަށް ސާބިތުވެ، ވެރިކަންކުރާ ޕީއެންސީ ތަމުސީލުކުރައްވަމުން ގެންދެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)ގެ ގޮނޑި ގެއްލުމުން ދޭހަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަން ކަމަށް މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރު ރޭ ވިދާޅުވެއްޖެއެވެ.

'އެސްއެސްޓީވީ'ން ގެނެސްދޭ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އިިދިކޮޅުން އަބަދު ވެސް ބުނާ ކަމަށާއި އެކަމަކު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

https://sun.mv/220494

"އެ ދިޔައީ ޕީއެންސީގެ ވަރުގަދަ މެންބަރެއް ގޮނޑި ގެއްލިގެން، އައްޑުއަށް ނިސްބަތްވާ، އެހެންވީމާ މި ސަރުކާރަކީ ޖުޑީޝަރީއަށް އަތް ބާނާ ސަރުކާރެއް ނޫން، އެކަމުން ވެސް ހާމަވެގެންދޭ ރައީސް ޑރ. މުޢިއްޒަކީ ޖުޑީޝަރީއަށް އަތް ބާނާނެ ބޭފުޅެއްނޫންކަން އެނގޭތޯ،" ޒަރީރު ވިދާޅުވިއެވެ.

މިދިޔަ 19ވަނަ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި މަތިވެރި ދާއިރާއަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު އެ މަޖިލީހުގެ ފަހުކޮޅު ޕީއެންސީއަށް ސޮއިކުރެއްވި ޒަރީރު ވިދާޅުވީ، އެމްޑީޕީގައި އެއްވެސް އިޚުލާސްތެރިކަމެއް އޮތް ނަމަ، އެމްޑީޕީގެ ސަރުކާރުން ވައުދުވި ގޮތަށް 19ވަނަ މަޖިލީހުގައި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރީސް ކަމަށެވެ.

ޒަރީރު ވިދާޅުވި ގޮތުގައި، އެމްޑީޕީން 2018ވަނަ އަހަރު ވެރިކަމަށް އިންތިޚާބުވީ ޝަރުއީ ދާއިރާ އިސްލާހުކޮށް، އަދުލު އިންސާފު ހޯދައިދޭނެ ކަމަށް ވައުދުވުމުންނެވެ. އެ ޕާޓީން ވެރިކަމާ ހަވާލުވީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގެ ވައުދާ ވެސް އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮން މައްސަލައެއްތޯ ބެލުނީ؟ ޖުޑީޝަރީއަށް ކޮން ކަމެއްތޯ [އެމްޑީޕީއަށް] ކޮށްދެވުނީ މިނިވަންކުރަން؟ [ޖޭއެސްސީގެ] ކޮމްޕޯނެންޓް ކީއްވެގެންތޯ ބަދަލުނުކުރެއްވީ؟ ކޮބައިތޯ އިޚްލާސްތެރިކަން؟ ޖުޑީޝަރީ ކިހިނެއްތޯ އޮތީ؟" ޒަރީރު ސުވާލު އުފެއްދެވިއެވެ.

ބާރު އޮތް ދުވަހު އެއްވެސް ބަޔަކު ކަންކަން އިސްލާހުނުކުރީ ކީއްވެތޯ ރައްޔިތުން އަބަދު ވެސް ސުވާލުކުރާ ކަމަށް ވިދާޅުވެ، ޒަރީރު ވިދާޅުވީ ޕީއެންސީން ތިބީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީން 2018ވަނަ އަހަރު ވެރިކަމަށް އައީ ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ވައުދުވުމަށް ފަހެވެ. ނަމަވެސް، 2019ވަނަ އަހަރު 19 ވަނަ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީން އެ މަސައްކަތް އެދެވޭ ގޮތެއްގައި ކޮށްފައި ނުވެއެވެ.

https://sun.mv/220695

އެގޮތުން، އޭރު އިދިކޮޅުގައި އޮތް ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ތިން ފަހަރު ބިލެއް ހުށަހެޅުއްވުުމުން، އެމްޑީޕީން ވަނީ ތިން ފަހަރު ވެސް ބިލު ބޭރުކޮށްލައިފައެވެ.

މިދިޔަ ޑިސެންބަރު މަހުގެ ކުރީކޮޅު ރައީސް ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައި، ކުރިއަށް އޮތް ތަނުގައި އެ އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/214986

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން ގާނޫނަށާއި ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކެއް ގެނެސްފައިވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެކު ކަމަށެވެ. އެގޮތުން، ޝަރުއީ ދާއިރާ އޮތީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މިނިވަންކޮށް ކަމަށާއި އެއްވެސް ކޯޓަކަށް ނުފޫޒު ފޯރުވާފައެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާއާ ގުޅިގެން މީހުން ކުރާ ތުހުމަތުތަކަށް ރައްދުދެއްވައި އެ މަނިކުފާނު ދެން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ވެސް ބަދަލު ގެންނަވާނެ ކަމަށެވެ. އަދި، އެ ޔަގީންކަން އެ މަނިކުފާނު ވަނީ އަރުވައިފައެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް:

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް
  2. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
  3. ރައީސުލްޖުމްހޫރިއްޔާގެ މެންބަރު
  4. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
  5. ހައިކޯޓުގެ ފަނޑިޔާރެއް
  6. ދަށު ކޯޓެއްގެ ފަނޑިޔާރެއް
  7. އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު
  8. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް
  9. އެޓާނީ ޖެނެރަލް
  10. ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް
comment ކޮމެންޓް