އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން އިންތިހާއަށް ގަދަވެފައިވާ ދަނޑިވަޅެއްގައި، އިއްޔެ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ "ބޮޑު ބަދަލު" ފެކްޝަނުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މި އިންތިހާބުގައި އެ ފަރާތްތަކުން ކުރި ހޯދާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ތާއީދާއެކު ނުކުތް "ޓީމު އެމްޑީޕީ"ގެ މައްޗަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކާއި ވެރިރަށް މާލޭގައި ކުރިއަށްދިޔަ މި އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ނަގާފައިވަނީ "ބޮޑު ބަދަލު" ޓީމުންނެވެ. ޚާއްސަކޮށް، މާލެ ސިޓީ ތަމްސީލުކުރާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި އެ ޓީމުން ކާމިޔާބުކުރިއިރު، ޞާލިހުގެ ފެކްޝަނަށް ލިބުނީ އެންމެ ހަތަރު ގޮނޑިއެވެ.
މިހާތަނަށް ލިބެންހުރި ނަތީޖާތަކަށް ބަލާއިރު އަތޮޅުތަކާއި އެހެނިހެން ސިޓީތަކުން ވެސް ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ނަޝީދާއި ފައްޔާޒުގެ ޓީމުންނެވެ.
މާލެ ސަރަހައްދުން އެންމެ ގިނަ ވޯޓު ކަށަވަރުކުރެއްވީ ކުރީގެ މަޖިލިސް މެންބަރުން ކަމަށްވާ އީވާ އަބްދުﷲ އާއި މާރިޔާ އަހުމަދު ދީދީއެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއާ ގުޅުމަށްފަހު، އަލުން އެމްޑީޕީއާ ގުޅުނު ނަޝީދުގެ އަރިސް ބޭފުޅުން ވެސް ހިމެނެއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ގޮފިތަކުގެ ތެރެއިން ޒުވާނުންގެ ވިންގާއި އަންހެނުންގެ ރޫހުގެ މެޖޯރިޓީ ވެސް ލިބުނީ "ބޮޑު ބަދަލު" ޓީމަށެވެ. އެގޮތުން، ޔޫތު ވިންގްގެ ރައީސް ކަމަށް "ޓީމު އެމްޑީޕީ" ގެ އަރްޝަމް އަބްދުﷲ އާ ވާދަކޮށް އިންތިހާބުވީ "ބޮޑު ބަދަލު" ގެ އައިކް އަހުމަދު އީސާއެވެ.
އަންހެނުންގެ ރޫހުގެ ރައީސް ކަމަށް "ޓީމު އެމްޑީޕީ" ގެ މަރިޔަމް އީމާ ޝަފީގާ ވާދަކޮށް ހޮވުނީ "ބޮޑު ބަދަލު" ގެ ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ.
މި އިންތިހާބުގައި ރައީސް އިބޫގެ އިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ތާއީދު ކުރެއްވީ "ޓީމު އެމްޑީޕީ" އަށެވެ.