ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ އިސްލާހު ވެސް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އެކުލަވާލަން ވާނީ އެއްވެސް ސިޔާސީ މީހަކު އެ ކޮމިޝަންގައި ނުހިމެނޭ ގޮތަށް ކަމަށް ވިދާޅުވެ، ޖޭއެސްސީ އިސްލާހުކުރައްވާނެ ފަދަ މޭރުމަކުން މީގެ ކުރިން ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އޭގެ ދެއަހަރު ފަހުން މިރޭ ރައީސް މުއިއްޒު، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮން 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނަށާއި، ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކެއް ގެނެސްފައި ވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާ އޮތީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މިނިވަންކޮށް ކަމަށާއި، އެއްވެސް ކޯޓަކަށް ނުފޫޒު ފޯރުވާފައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
ޝަރުއީ ދާއިރާއާ ގުޅިގެން މީހުން ކުރާ ތުހުމަތުތަކަށް ރައްދުދެއްވައި އެމަނިކުފާނު ދެން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ވެސް ބަދަލު ގެންނަވާނެ ކަމަށެވެ. އަދި އެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވައިފައެވެ.
"ޖުޑިޝަރީ އޮތީ މިނިވަންކޮށް. އެ ދާއިރާގައި އުޅުއްވާ އެއްވެސް ބޭފުޅަކު ވިދާޅުނުވާނެ އަޅުގަނޑު ނުފޫޒުފޯރުވާ ވާހަކަ. ކޯޓުތަކަށް ނުފޫޒެއް ނުފޯރުވަން! އަޅުގަނޑު އަންގައިގެން ކަމެއް ކޮށްފައެއް ނޯންނާނެ ކޯޓުތަކަކުން. އަޅުގަނޑަކީ ސިޔާސީ ގޮތުން މީހަކަށް ކަމެއް ކުރާނެ މީހެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
"ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ވެސް ބަދަލުގެންނާނަން. އެ އިސްލާހު ވެސް އަދި ހުށަހަޅާނަން،" އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު، ޖޭއެސްސީއަކީ ހަގީގީ މާނައިގައި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހައްދަވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް:
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
- ރައީސުލްޖުމްހޫރިއްޔާގެ މެންބަރު
- ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
- ހައިކޯޓުގެ ފަނޑިޔާރެއް
- ދަށު ކޯޓެއްގެ ފަނޑިޔާރެއް
- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު
- ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް
- އެޓާނީ ޖެނެރަލް
- ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް
ފާހަގަކޮށްލެވޭ ގޮތުގައި ޖޭއެސްސީ އެކުލެވިގެންވަނީ އޭގެ ޒާތުގައި ވަރަށް ރަނގަޅަށް 'ބެލެންސް'ކޮށް ކަމަށާއި މައްސަލަ ޖެހެނީ ސިޔާސީ ފިކުރު ވަދެ، އިޚުލާސްތެރިކަން ނެތޭ ހިސާބުން ކަމަށް އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ވަނީ މީގެ ކުރިން 'ސަން' ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވިދާޅުވެފައެވެ.
އިބުރާ ވިދާޅުވީ، ޖޭއެސްސީއާ ކުޅުމަކީ ވަރަށް ނުރައްކާ ކަމެއް ކަމަށެވެ. އެކަން ފާހަގަކުރައްވައި އިބުރާ ވިދާޅުވީ، ޖޭއެސްސީ މިހާރު އެކުލެވިފަ އޮތީ ދައުލަތުގެ ތިން ބާރު ވަރަށް ހަމަހަމަކޮށް ކަމަށެވެ.
ޖޭއެސްސީ އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުންނާއި، އަދުލު އިންސާފުގެ ބާރުން ތިން މެންބަރުން އަދި ވެރިކަމުގެ ބާރުން ތިން މެންބަރުން ހިމަނައިގެން 'ޗެކް އެންޑް ބެލެންސް'ކޮށް ކަމަށް އިބުރާ ވިދާޅުވިއެވެ.
"މި ތިނެތި ބެލެންސްވީ ނޫންތޯ؟ އެއީ، ހަދާފައި އޮތް ގޮތަކީ. ދައުލަތުގެ ތިން ބާރު ބެލެންސްކޮށްފައި ހަދާފައި އޮތް އެއްޗެއް ޖޭއެސްސީއަކީ. އެއަށް އެއްވެސް ބަދަލެއް ގެނެސްފިއްޔާ ކޮންމެ ވެސް އެއްކޮޅަކަށް ބަރުވާނެ،" އިބުރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖުޑިޝަރީ ދާއިރާގައި މައްސަލައަކަށް ދިމާވެގެން އުޅޭ މައްސަލައިގެ ވާހަކައެއް އެއްވެސް މީހަކު ނުދައްކާ ކަމަށެވެ.
"ސިޔާސީ ޕާޓީއެއްގެ ވާހަކަ އަންނަ ހިސާބުން މި ގޯސްވަނީ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޖުޑިޝަރީގެ ނިޒާމާ މެދު ކަންބޮޑުވެ، ބައިނަލްއަގުވާމީ ގޮތުން ސަމާލުކަން ލިބި, ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޖޭއެސްސީ އިސްލާހު ކުރުމަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެސް ރިޔާސީ ވައުދުފުޅެކެވެ. ކުރީ ސަރުކާރުން ޖޭއެސްސީ އިސްލާހު ކުރުމުމުގެ ބިލު މަޖިލީހަށް ހުށަވެސްއެޅިއެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް ކުރިއަކަށް ނުދެއެވެ.