ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި, އަލީ އާރިފް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާރިފް މިއަދު އިސްތިއުފާ ދެއްވާފައިވާކަން, ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީހު ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއްނުވެއެވެ.
ސަބަބު ހޯދާލުމަށް އަލީ އާރިފަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އަލީ އާރިފަކީ, ރައީސް ޑރ. މުޙައްމަދު މުއިއްޒާ ތިމާގެވެސް ބޭފުޅެކެވެ. އަލީ އާރިފްގެ ބޭބެ, އިގްބާލް އާދަމް ވެސް ހުންނެވީ ރައީސްގެ ރަސްމީ ގެކޮޅުގެ މިނިސްޓަރުގެ މަގާމުގައެވެ.
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބުގެ ނަތީޖާއަށް ފަހު ރައީސް މުއިއްޒު ވަނީ ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބުނު އެ އިންތިޚާބުގެ ނަތީޖާ ބަލައިގަންނަވާ ކަމަށާއި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިން ފެށިގެން ބައެއް ބޭފުޅުން މަގާމުން ވަކިކުރައްވާފައިވެއެވެ. އަދި އަނެއްބައި ވެރިން ކުންފުނިތަކުން އިސްތިއުފާ ދެއްވާފައިވެއެވެ.
އަލީ އާރިފް ވެގެންގޮސްފައި މިވަނީ މިނިސްޓަރަކަށް އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ބޭފުޅާއަށެވެ.
މި ސަރުކާރުގެ ކުރީކޮޅު އަލީ އާރިފް ދެއްކެވި ވާހަކައަކާ ގުޅިގެން ސަރުކާރަށް ވަރަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ. އެއީ ޚަރަދު ކުޑަކުރުމުގެ ގޮތުން ރައްޔިތުން ގަރުދިޔަޔާ ބަތް ފަދަ ތަކެތި ކެއުމަށް އޭނާ ގޮވާލެއްވުމުންނެވެ.