މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި މަހުގެ 26ގައި ފާހަގަކުރާ މިނިވަން ދުވަހުގެ ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ރައީސް ނިންމެވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުންނެވެ.
އެ އޮފީހުން ބުނި ގޮތުގައި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. އެ ޖަލްސާގައި ރައީސް ދިވެހި ގައުމާ މުޚާޠަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ އަހަރު ކަމަށްވާ 2024ގައި، ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު އޮތް ގޮތުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ރައީސް އިއުލާންކުރެއްވިއެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތައް މަދުކުރުމަށާއި، އެ އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ރައީސް ނިންމެވިއެވެ.
އޭގެ ފަހުން، މިދިޔަ އަހަރު ރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. އެ ހަރަކާތްތައް މިދިޔަ އަހަރު ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއެވެ.
މި މަހުގެ އެއްވަނަ ދުވަހު އާޓްސް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ރާއްޖެ މިނިވަންވިތާ 60 އަހަރުފުރުން ފާހަގަކުރުމަށް ޓަކައި މިދިޔަ އަހަރު 4.1 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ.
މިނިވަން ދުވަހާ ގުޅުވައި ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއް ރައީސް އިއުލާންކުރެއްވިއިރު، މި އަހަރަކީ ރާއްޖޭން 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ އަހަރެކެވެ. އެހެންކަމުން، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ބޭރުގެ އިދާރާތަކުން އަންނަނީ މިދިޔަ އަހަރުން ފެށިގެން ގޮވާލަމުންނެވެ.