ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދާދިފަހުން ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސައުދީގެ އާންމުންނާއި މަދަނީ ވަސީލަތްތަކަށް އަމާޒުކޮށް ދީފައިވާ މި ހަމަލާތަކަކީ އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މި ބަޔާނުގައި، ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަން ވަނީ ހާމަކޮށްފައެވެ. އަދި ގައުމުގެ ސަލާމަތާއި، ރައްކާތެރިކަމާއި އިސްތިގުލާލު ދިފާއުކުރުމަށްޓަކައި ސައުދީ ސަރުކާރުން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.
މީގެ އިތުރުން، ސަރަހައްދީ މަސްރަހުގައި ފަހަކަށް އައިސް ހޯދިފައިވާ ކުރިއެރުންތައް ދަމަހައްޓައި، މަސްރަހު އަލުން ގޯސްވިޔަނުދީ، ސަރަހައްދުގެ ސުލްހަވެރިކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ދާއިމީ ދޭދޭ މަޝްވަރާތަކާއި ޑިޕްލޮމެސީ އިސްކުރުމުގެ މުހިންމުކަން ރާއްޖޭގެ ބަޔާނުގައި ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.
ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ޔަމަނުގެ ހޫތީން ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ވަނީ ހަމަލާތައް ދީފައެވެ.
އަބްހާ އެއާޕޯޓަށް ހޫތީން ހަމަލާދީފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. މި ހަމަލާ ދީފައިވަނީ ޔަމަނުގެ ވެރިރަށް ސަންއާގައި އޮންނަ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހަމަލާތަކެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ. މިއީ ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި ނިސްބަތުން ހަމަހިމޭންކޮށް އޮތުމަށްފަހު، ހޫތީންނާއި ސައުދީއާ ދެމެދު ހިނގި އެންމެ ބޮޑު އެއް ކުރިމަތިލުމެވެ.
މި ދުވަސްވަރަކީ ރާއްޖެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ސައުދީއަށް ދަތުރު ކުރަމުން އަންނަ ދުވަސްވަރެކެވެ. މި ހަމަލާތަކާ ގުޅިގެން ރާއްޖެއާއި ސައުދީއާ ދެމެދު ކުރާ ދަތުރަކަށް ބަދަލެއް އައި ކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.