މާޗު މަހު މީރާއަށް 4.03 ބިލިއަން ރުފިޔާ؛ ޑޮލަރު އާމްދަނީ އިތުރުވެ 205 މިލިއަނަށް

މީހަކު ޑޮލަރުތަކެއް ހިފައިގެން: މާޗު މަހު މީރާއަށް 4.03 ބިލިއަން ރުފިޔާ ބަލައިގަތްއިރު، ޑޮލަރުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައި --- ސަން ފައިލް ފޮޓޯ

މޯލްޑިވްސް އިންލެންޑް އެންޑް ރެވެނިއު އޮތޯރެޓީ (މީރާ) އަށް މާޗު މަހު ލިބުނު ޖުމުލަ އާމްދަނީ ވަނީ 4.03 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ސަތާރަ އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޖީއެސްޓީއާއި ގްރީން ޓެކުހުގެ އިތުރުން ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރެވުނު ކާމިޔާބު މަސައްކަތްތަކެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީވެސް ވަނީ ފާއިތުވި މަސްތަކަށްވުރެ އިތުރުވެފައެވެ.

  • މާޗު މަހުގެ ޖުމުލަ އާމްދަނީ 4.03 ބިލިއަން ރުފިޔާއަށް އެރިއިރު، ޑޮލަރުގެ އާމްދަނީ ވަނީ 205 މިލިއަނަށް އިތުރުވެފައި.
  • އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީން ކަމަށްވާއިރު، އެއީ ޖުމުލަ އާމްދަނީގެ 59.6 އިންސައްތަ.
  • ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 882 މިލިއަން ރުފިޔާ ވަނީ ހޯދާފައި.
  • މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ދުވެލި ދަށްވާނެކަމަށް އޭޑީބީން ވަނީ ލަފާކޮށްފައި.

މޯލްޑިވްސް އިންލެންޑް އެންޑް ރެވެނިއު އޮތޯރެޓީ (މީރާ)އަށް މާޗު މަހު ލިބުނު އާމްދަނީ އިތުރުވެ، ޑޮލަރު އާމްދަނީ 205 މިލިއަން ރުފިޔާއަށް އިތުރުވެފައި ވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މާޗު މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 4.03 ބިލިއަން ރުފިޔާއެވެ. އެއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 17 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި އަހަރުގެ މާޗު މަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 26.8 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދިން ގޮތުގައި މިދިޔަ އަހަރުގެ މާޗު މަހުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މި އަހަރުގެ މާޗުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އާމްދަނީއާއި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުން ނަގާ ޓެކުހުގެ އިތުރުން ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެއިތުރުން ނިމުނު އަހަރުގެ ފެބުރުވަރީ މަހަށްވުރެ މި އަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 އިންސައްތަ އިތުރުވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހުގެ އާމްދަނީ ވެސް އިތުރުވެފައި ވާކަން މީރާއިން ވަނީ ފާހަގަކޮށްފައެވެ.

މީރާއިން ބުނީ މާޗު މަހުގެ އާމްދަނީ، އަންދާޒާއަށް ވުރެ އިތުރުވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދާއިރާއާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީގެ މިންވަރު އިތުރުވުން ކަމަށެވެ. މި އަހަރުގެ މާޗު މަހުގައި ލިބިފައިވާ އާމްދަނީގެ 31.4 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށާއި އާމްދަނީގެ 7.6 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެއެވެ.

މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު: މާޗު މަހު މީރާއަށް 4.03 ބިލިއަން ރުފިޔާ ބަލައިގަތްއިރު، ޑޮލަރުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައި --

މީރާއިން ބުނީ މި އަހަރުގެ މާޗުގައި ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޖުމްލަ 882 މިލިއަން ރުފިޔާ ހޯދިފައި ވާކަމަށެވެ. އޭގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 397 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 411 މިލިއަން ރުފިޔާ ހޯދައިފައި ވާކަމަށް މީރާއިން ބުނެއެވެ.

މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ ހޯދިފައި ވާކަން މީރާއިން ވަނީ ފާހަގަކޮށްފައެވެ.

މީރާއިން ބުނީ މި އހަރުގެ މާޗު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށެވެ. އެއީ 59.6 އިންސައްތަ ނުވަތަ 2.4 ބިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓްތަކުގެ ކުލިން ނަގާ ޓެކުހުން ކަމަށާއި އެއީ 10.9 އިންސައްތަ ނުވަތަ 440 މިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެއެވެ.

އޭގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 312 މިލިއަން ރުފިޔާ (%7.7) އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ (%6.7)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 248 މިލިއަން ރުފިޔާ (%6.1)، އަދި އާމްދަނީން ނަގާ ޓެކުހުން 198 މިލިއަން ރުފިޔާ (%4.0) ލިބިފައި ވާކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ މި އަހަރުގެ މާޗުމަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 205.18 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ. އެއީ އޭގެ ކުރީ ދެ މަހާ އަޅައިބަލާއިރު އިތުރުވުމެކެވެ. އެގޮތުން ފެބުރުވަރީ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި ހިމެނެނީ 126.85 މިލިއަން އެމެރިކާ ޑޮލަރު ކަމަށްވާއިރު، ޖަނަވަރީ މަހު ޑޮލަރު އާމްދަނީ 180.42 މިލިއަނަށް އެރިއެވެ.

https://sun.mv/220411

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދަށް ވެސް އޭގެ އަސަރު ވަނީ ފޯރައިފައެވެ. އެގޮތުން، މިދިޔަ އަހަރާ އަޅައިބަލާއިރު، ފަތުރުވެރިން އަންނަ މިންވަރު ވަނީ ދަށްވެފައެވެ.

އެ ހަނގުރާމައާ ގުޅިގެން، މި އަހަރު ދިވެހިރާއްޖޭގެ އިގުތިސާދީ ދުވެލި ވަރަށް ބޮޑަށް ދަށްވާނެކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ އަންދާޒާކޮށްފައެވެ.

comment ކޮމެންޓް