އަހަރުގެ ބާކީ ހަ މަސް އޮއްވައި ސަބްސިޑީއަށް ބަޖެޓު ކުރި ފައިސާގެ 99 ޕަސެންޓް ޚަރަދުކޮށް ނިމިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސުން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި އަހަރުގެ 26 ވަނަ ހަފުތާގެ ނިޔަލަށް (މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް) ސަބްސިޑީތަކަށް 2،868 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. އެގޮތުން މިއަހަރަށް ކަނޑައެޅި 2,890 މިލިއަން ރުފިޔާގެ ބަޖެޓުން މިހާރު ބާކީ އޮތީ އެންމެ 21.7 މިލިއަން ރުފިޔާއެވެ.
އެހެންކަމުން އަހަރުގެ އެއްބައި އަދި އޮއްވައި ސަބްސިޑީ ބަޖެޓުގެ 99 ޕަސެންޓް މިވަނީ ޚަރަދުކޮށްފައެވެ.
ބަޖެޓު ކުރި ވަރަށް ވުރެ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެން ދިޔައީ އިރާނު ހަނގުރާމައާ ގުޅިގެން ފިއުލް ސަބްސިޑީއާއި ކަރަންޓު ސަބްސިޑީއަށް ކުރަންޖެހުނު ޚަރަދު އަންދާޒާއަށް ވުރެ މަތިވުމުންނެވެ. ނަމަވެސް ފިނޭންސްގެ ރިޕޯޓުގައި ވަކިވަކި ސަބްސިޑީތަކަށް ހިނގި ޚަރަދުތައް ތަފްސީލުކޮށްފައި ނުވާތީ، ކޮންމެ ދާއިރާއަކަށް އުނިވި މިންވަރެއް ސާފެއް ނުވެއެވެ.
މިއީ މިފަހުގެ އަހަރުތަކުގައި ތަކުރާރުވަމުންދާ އާންމު މައްސަލައަކަށް ވާއިރު، ބަޖެޓުގެ އެހެން ދާއިރާތަކުން ފައިސާ އުނިކޮށް ސަބްސިޑީއަށް ޚަރަދުކުރަން މަޖުބޫރުވަނީ ސަބްސިޑީގެ އިސްރާފު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުތައް ނުކުޅެދުމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުންނާއި މިހާރުގެ ސަރުކާރުން ވެސް ސަބްސިޑީތައް ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކޮށްގެން ދޭ ގޮތަށް ބަޖެޓުގައި ހިމެނި ނަމަވެސް، އެ ފިޔަވަޅު އަޅާފައެއް ނުވެއެވެ.
މި ސަރުކާރުން ވެސް ސަބްސިޑީ ޓާގެޓުކުރުމާއި އާސަންދަ ރިފޯމްކޮށްގެން ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަހަރުގެ ކުރީކޮޅު އެ ރިފޯމްތައް ތަންފީޒު ނުކުރަން ނިންމެވިކަން އިއުލާންކުރައްވާފައެވެ.
ދައުލަތަށް ބުރަ ބޮޑު ނިޒާމެއް ކަމަށްވާ ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކޮށް، ކޮންމެހެން ބޭނުންވާ މީހުންނަށް އެފަދަ އެހީ ދިނުމަށް، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގައުމުތަކަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން މިފަހުން ވެސް ވަނީ ލަފާ ދީފައެވެ.
އޭޑީބީން ބުނީ ކީކޭ؟
އޭޑީބީގެ އެނެލިސްޓުން ވަނީ، އިޔާދަނުކުރެވޭ ތެލަށް ދޭ ސަބްސިޑީ މަދުކުރުމަކީ އިގުތިސާދީ ވިލުންތެރިކަން އިތުރުކޮށް، ކުއްލިއަކަށް ތެލުގެ އަގު އުފުލޭ ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށް އެޅޭނެ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ހަމައެއާއެކު، އެއީ ތެޔޮ ބޭނުންކުރުމުގައި ފަރުވާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އެނެލިސްޓުން ވަނީ ފާހަގަކޮށްފައެވެ.
އެ އިދާރާއިން ލަފާ ދެނީ، އިގުތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ސަބްސިޑީ ދިނުމަށް، އެފަދަ އެހީ އެންމެ ބޭނުންވާ ގޭބިސީތައް ފާހަގަކޮށް ލުއިތައް ދިނުމަށެވެ. އެގޮތުން އެ ގޭބިސީތަކަށް ފައިސާ ދިނުމާއި، ޕަބްލިކް ޓްރާންސްޕޯޓަށް ސަބްސިޑީ ދިނުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އޭޑީބީން ބުނެފައިވެއެވެ.
މީގެ އިތުރުން، އިސްރާފުނުވާ ގޮތަށް ހަކަތަ ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ މަސައްކަތްތައް ކުރުމަށާއި ކަރަންޓުގެ ކޮންމެ ޔުނިޓަކުން އަގު ކުޑަ ކުރުމުގެ ބަދަލުގައި، ގޭބިސީތަކުގެ ބިލަށް ކަނޑަައަޅައިފައިވާ ވަކި ޑިސްކައުންޓެއް ދިނުމަށް ރިޕޯޓުގައި ލަފާދީފައިވެއެވެ.
އޭޑީބީގެ ޚިޔާލަކީ އެފަދަ އެހީތައް ދާއިމީކޮށް ދިނުމުގެ ބަދަލުގައިި، އަގުތައް ހެޔޮވާން ފެށުމުން، އިތުރަށް ދޭ އެހީތައް ކަނޑާލުމެވެ.