ކުލިތައް މައާފު، ކަރަންޓުބިލު ހިލޭ، ގޮތްނޭނގޭ ސަބްސިޑީ: ހެޔޮފުޅީއެއްނޫން، ދެން ކޮން ކަމެއް؟

ރާއްޖޭގެ ސިޔާސީ މައިދާނުގައި އިންތިޚާބުތަކާ ގާތްވުމުން ކުލި މައާފުކުރުމާއި، ކަރަންޓު ބިލުތަކުން ލުއިދިނުމާއި، ވަޒީފާތައް ބެހުން ފަދަ ކަންކަމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. މިފަދަ އަމަލުތަކަކީ 'ކްލަޔަންޓެލިޒަމް' ނުވަތަ ސިޔާސީ ތާއީދު ހޯދުމަށް ދެވޭ ރިޝްވަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ކުރީގެ ސަރުކާރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް މި ސަގާފަތް އޮތީ ދެމިގެން ގޮސްފައެވެ. ދައުލަތުގެ ދަރަންޏާއި އިގުތިސާދީ ހާލަތަށް ރިއާޔަތްކުރުމެއް ނެތި ފަސް އަހަރުގެ ދައުރެއް ކާމިޔާބުކުރުމަށް ސިޔާސީ ވެރިން ކުރާ މިފަދަ ކަންކަމުގެ ސަބަބުން ގައުމު އިތުރަށް ނިކަމެތިވެއެވެ. މިކަން ބަދަލުކުރެވޭނީ ރައްޔިތުން މިފަދަ ވަގުތީ ފައިދާތަކަށް ނޫނެކޭ ބުނެގެންނެވެ.

  • އިންތިޚާބުތަކާ ދިމާކޮށް ހިލޭ އެހީއާއި ވަޒީފާ ބެހުން
  • ދައުލަތުގެ ދަރަންޏަށް ނުބަލައި ވޯޓު ހޯދުމަށް އިނާޔަތްދިނުން
  • ކްލަޔަންޓެލިޒަމްގެ ނުރައްކާތެރި ސަގާފަތް އާންމުވުން
  • ރައްޔިތުން ހޭލުންތެރިވެ މިކަމަށް ނޫނެކޭ ބުނުމުގެ މުހިންމުކަން

ވަރިހަމަ ނޫންހެއްޔެވެ. މިދިޔަ ރޯދަ މަހު ހިލޭ މަސްކޭހެއް ލިބިއްޖެއެވެ. ފަސް ހާސް ރުފިޔާ އެރި ކަރަންޓު ބިލަށް ދައްކަން ޖެހުނީ އެންމެ ހަތަރުސަތޭކަ ރުފިޔާއެވެ. ދެ އަހަރު ފަހުން ނޫނީ، ތިޔަ ދިރިއުޅޭ ހިޔާ ފްލެޓަށް ކުލި ދައްކާކަށް ވެސް ދެން ނުޖެހޭނެ ނޫންހެއްޔެވެ. ކުއްޔަށް ދީފައިހުރި ފްލެޓެއްނަމަ އަދި މާ ރަނގަޅު ނޫންހެއްޔެވެ. ފްލެޓުން ލިބޭ ބޮޑުކުލިން މަހުޖަނަކަށް ދެން ވާންވީނޫން ހެއްޔެވެ. އާސަންދަ އާއި އެންސްޕާގެ ތެރެއިން ކުރަންޖެހޭ ކަންކަން ލަސްވިޔަސް އަދި އެއީ މާ ބޮޑު މައްސަލައެއްނޫނެއް ނޫންހެއްޔެވެ. މުއްސަންޖެއް، ފަގީރެއް ބެލުމެއްނެތި އާސަންދަ ވެސް ހަމަ އެބަ ލިބެއެއްނޫން ހެއްޔެވެ. ނުވިތާކަށް ހަނގުރާމައާހެދި ދުނިޔޭގައި ތެލުގެ އަގު އިންތިހާއަށް އުފުލުނަސް، އެބުރަ ވެސް ސަރުކާރަށް އެ ނެގީއެވެ. ސަބްސިޑީ އަގުގައި އަދިވެސް އެހާ ބޮޑުނޫން އަގެއްގައި އެބަ ޕެޓްރޯލު އަޅައިލެވެއެވެ. ދޭހާ އެއްޗެއްގައި ހިފީމާވީއެއްނޫން ހެއްޔެވެ.

މިއީ ވަރަށް ފަސޭހަ ވިސްނުމެކެވެ. "ހިލޭ އެއްޗެއް ލިބެންޏާ އިތުރު ސުވާލެއް ނުކޮށް ހިފީމާ އެ ވީއެއްނޫންހެއްޔެވެ". އެކަމަކު ހަމަ އެންމެ ރައްޔިތަކު ވެސް، މި ހުރިހާ ހިލޭ އިނާޔަތަކާއި ސަބްސިޑީތަކާއި، ކުލިތައް މާފުކޮށްދޭން ސަރުކާރުން ފައިސާ ހޯދަނީ ކިހިނެއްތޯ ސުވާލުކޮށްލިން ހެއްޔެވެ؟ ދައުލަތުގެ ދަރަނީގެ ހާލަތާއި ލިބޭ އާމްދަނީއަކުން މި ހުރިހާ ކަމެއް ހިލޭ ނޫނީ ސަބްސިޑީ ދީގެން ދަމަހައްޓާނީ ކޮން ގޮތަކުންތޯ ވިސްނިންތޯއެވެ؟ އަމުދުން އިންތިޚާބެއްގެ ކަރުދާސްކޮޅު އަތަށް ލިބެން ގާތްވާއިރަށް ކުއްލިއަކަށް "ދުރާލައި ރާވައިފައި ހުރި" މަޝްރޫއުތައް މި ފެށޭ ސަބަބު އެބަ އެނގޭ ހެއްޔެވެ.

ހަނގުރާމައެއްގެ ތެރޭ ދުނިޔޭގެ އިގްތިޞާދު މަޑުޖެހެމުން އަންނައިރު ވެސް ރާއްޖޭގައި މިއިން އެއް ކަމެއް ވެސް ހުއްޓުމެއް ނެތެވެ. ފަހަރުގައި އިންތިޚާބަކާ ގާތްވީމައެވެ. ނުވަތަ ހަނގުރާމަ ނުބައި ދަނޑިވަޅެއްގައި ފަށަން އިސްރާއީލުން ނިންމީކަމަށް ވެސް ވެދާނެއެވެ.

އެކަމަކު މި ހުރިހާ ކަމެއް މި ރައްޔިތުންނަށް ކޮށްދޭ ސިޔާސީ ވެރީންގެ ވިސްނުމުގައި ޔަގީނުން ވެސް ފޮރުވިފައި ހުރި މަގްސަދުތަކެއް އެބަހުއްޓެވެ.

މިއީ "ހެޔޮފުޅު"ކަމެއްނޫން

މިކަހަލަ ހިލޭ އިނާޔަތާއި، އޭގެ މައްޗަށް ވޯޓު ބިނާވާ ނިޒާމަށް ކިޔާ ނަމެއް އޮވެއެވެ. އެއީ 'ކްލަޔަންޓެލިޒަމް'އެވެ. ކްލަޔަންޓެލިޒަމްއަކީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ޓަކައި، ސިޔާސީ ބޭފުޅުން ނުވަތަ ޕާޓީތަކުން އާންމު ރައްޔިތުންނަށް ނުވަތަ ވަކި ބަޔަކަށް މުދަލާއި، ޚިދުމަތް ނުވަތަ ޚާއްސަ އިނާޔަތްތަކެއް ފޯރުކޮށްދިނުމުން، އޭގެ ބަދަލުގައި އެ ފަރާތްތަކުން ވޯޓު ނުވަތަ ސިޔާސީ ތާއީދު ދިނުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. މިއީ ސީދާ މުއާމަލާތެއްގެ ގޮތުގައި ހިންގާ ސިޔާސީ މަންފާ ބަދަލުކުރުމުގެ ނިޒާމެކެވެ.

މިއީ ހަމައެކަނި މާލިއްޔާއިން ސިޔާސީ ވެރިން ކުރައްވާ ވައްކަންތަކެއް ނޫނެވެ. މިއީ ރައްޔިތުންގެ ބާރުން ވެސް ކުރާ ބޮޑު ވައްކަމެކެވެ. ނިކަމެތިކަމުގެ މައްޗަށް ނަގާ ނާޖާއިޒް ފައިދާއެކެވެ.

ތެދެކެވެ. ރަމަޟާން މަހު ކަރަންޓު ބިލަށް 400 ރުފިޔާ ދައްކަން ޖެހުނީމާ އެއީ ކިރިޔާ ސާދަހާހެއްހައި ރުފިޔާ ލިބޭ، ކުލިދައްކައި، އާއިލާއެއް ބަލަހައްޓާ އާދައިގެ ރައްޔިތަކަށް ވަރަށް ބޮޑު ލުޔެކެވެ. މިފަދަ އިތުރު މާލީ ހިލޭ އެހީގެ އިނާޔަތްތައް ތައާރަފްކުރާ ވަރަކަށް އާންމު ރައްޔިތަކަށް ލިބެނީ ފަސޭހައެވެ.

އެކަމަކު ހަގީގަތަކީ ފަސް އަހަރަށް ހޮވާ ސިޔާސީ ވެރިއަކު ތައާރަފްކުރާ މިއިން ކޮންމެ ކަމަކީ ވަރަށް 'އަމިއްލަ އެދުން ބޮޑު' ދައުލަތާ މެދު ނުވިސްނާ ނިންމާ ނިންމުމެއް ކަމެވެ.

ކްލަޔަންޓެލިޒަމާ ގުޅޭގޮތުން ކޮށްފައިވާ ގިނަ ދިރާސާތަކުން ދައްކާގޮތުގައި، މިފަދަ ސިޔާސަތުތަކަކީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށްވުރެ ބޮޑަށް، ހަމައެކަނި ވޯޓު ކަށަވަރުކުރުމުގެ މަގުސަދުގައި ގަސްތުގައި ފަރުމާކޮށްފައި ހުންނަ ކަންކަމެވެ. މީގެ ސަބަބުން، ހައްގުވެރިންނަށް ވެލްފެއާގެ ތެރެއިން އިނާޔަތް ލިބިދިނުމުގެ އަސްލު ނިޒާމާއި، ވޯޓު ގަތުމުގެ އަމަލާ ދެމެދު އޮންނަ ފަރަގު އޮޅެއެވެ.

އެމްއެމްއޭ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފަސް އަހަރަށް އަންނަ ސަރުކާރަކުން، ދައުލަތުން އުފުލާނެ ބުރައަކަށް އަޅާ ވެސް ނުލާނެ

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަމަށްފަހު، ދެން އައި ކޮންމެ ވެރިކަމަކުން ވެސް ފެނުނީ، ވެރިކަން ދެމެހެއްޓުމަށް ޓަކައި ކުރެވެންހުރި ކޮންމެ ކަމެއް ކުރަން ފަސްނުޖެހުނު ތަނެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފެނުނީ، ގައުމަށް ލިބޭ އާމްދަނީއަށް ބަލައި ވަކި ހަމައަކުން، ތައާރަފްކުރަންޖެހޭ ވެލްފެއާ ސްކީމުތައް ރައްޔިތުންނަށް އެއީ ކޯއްޗެއްކަން ވެސް ބުނެނުދީ ތައާރަފްކުރި ތަނެވެ. އެ މަނިކުފާނު ވިސްނައިދެއްވީ ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ދޭންޖެހޭ ކަމަށެވެ. ދަރިވަރުންގެ ފޮތް ލިސްޓު ހިލޭވާންޖެހޭ ކަމެވެ. ދޮށީއުމުރުގެ މީހުންނަށް އިނާޔަތް ލިބެންޖެހޭ ކަމެވެ.

މި ކަންކަމާހެދި ނަޝީދުގެ މަގްބޫލުކަން ވެސް އިތުރުވިއެވެ. ނަމަވެސް މިފަދަ ހިލޭ އެހީތަކަކީ ދައުލަތަކުން ކިހިނެއް މެނޭޖުކުރާ ކަންތައްތަކެއްކަމުގެ ހަގީގަތް އެ މަނިކުފާނު އާންމު ރައްޔިތު މީހާއަށް ހާމަނުކުރައްވައެވެ.

ވެލްފެއާ ކަންކަމަކީ އޭގެ ޒާތުގައި ރަނގަޅު ކަންކަމެވެ. އެކަމަކު ނަޝީދުގެ ވެރިކަމުގައި ފެށި މި ކަންކަން މިއަދު ވެފައިމިވަނީ ވޯޓު ގަތުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރުތަކަކަށެވެ. މިއަދު އެކަމާ އެމަނިކުފާނު ކޮންމެހެން ވިސްނާވަޑައިގަންނަވަން އެބަޖެހޭތޯއެވެ. ދައުލަތާއި ރައްޔިތުން ގޮތެއް ހޯދާނެތާއެވެ.

ނަޝީދަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ދަރަނި ހައްތަހާ އިތުރުވަމުން ދިޔައިރު، އާސަންދަ ހުސްނުވާ އާސަންދައަކަށް ބަދަލުކުރެއްވިއެވެ. ދެމުން އައި އެހެނިހެން އިނާޔަތްތައް ބޮޑުކުރެއްވިއެވެ. މިފަދަ އެތައް ކަމެއް ކުރެއްވިއިރު، އެއަށްފަހު ދެން އައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ފެނަކައާއި، އާރްޑީސީ ފަދަ ތަންތަނުން ވަޒީފާތައް "ބަހައިލީ" ބަލައިލުމެއް ނެތިއެވެ. ނަތީޖާއަކަށްވީ، ދެން އައި ސަރުކާރަށް ވެސް އެ ބުރަ އުފުލަ އުފުލަން ޖެހުމެވެ. އެކަމަކު އެއަކަށް ބެލުމެއް ނެތި، މިހާރު މި ފެންނަނީ މީގެކުރިން ހިލޭއެހީއާއި، ދައުލަތުން ދޭ ހަދިޔާބަދިޔާ ނުބަހައިހާ ފުޅާ ދާއިރާއެއްގައި ބަހަމުން އަންނަ ތަނެވެ. ގޯހުންގޯހަށް ހިނގަމުން އަންނަ އާސަންދަ އިސްލާހުކުރުން ހަނދާން ނައްތައިލައިފިއެވެ. ކުރިއަށްވުރެ މާ ފުޅާކޮށް އިތުރު ހިލޭ އިނާޔަތްތައް ތައާރަފްކޮށް، ދަރަންޏަށް ނަގައިގެން ވެސް ހުރިހާ ކަމެއް ހިލޭ ކުރަނީއެވެ.

މި ނިޒާމު މިހާރު މި އޮތް ގޮތުން ހާމަވާ ހަގީގަތަކީ، ފަސް އަހަރަށް ވެރިކަންކުރަން އަންނަ އެއްވެސް ސިޔާސީ ވެރިއަކު، ނުވަތަ ސަރުކާރަކުން ވެސް ދައުލަތަށް ލިބޭ ގެއްލުމާމެދު އެއް ގޮތަކަށް ވެސް ނުވިސްނާނެ ކަމެވެ. ކޮންމެ ވެރިކަމެއްގައި، އާމްދަނީ ލިބޭ އިންވެސްޓްމަންޓުތައް އިތުރުނުވެ، ގައުމުގެ ދަރަނީގެ ނަންބަރުތައް މައްޗަށް އަރައިގެން ދާ ދިއުމުން ވެސް އެ ކަމަށް ބާރުދެއެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

"އިންތިޚާބަކަށް ނޫން، އިންތިޚާބަށް ދުރާލާ"

ދައުލަތުގެ އެކި އިދާރާތަކާއި، ސަރުކާރުގެ އެކި ކުންފުނިތަކުން އެންމެ އާންމުކޮށް ވަޒީފާގެ ފުރުސަތުތަކާއި، މުސާރައިގެ ކުރިއެރުންތައް ލިބޭ ދުވަސްވަރު، އިންތިޚާބެއް ގާތުގައި އޮތުމަކީ ރާއްޖޭގައި ވަރަށް އާންމު އިއްތިފާގެކެވެ.

މިހާރު ވެސް، ރާއްޖެއަށް ބަލައިނަމަ ލޯކަލް ކައުންސިލް އިންތިޚާބަށް މި އޮތް ދެ ތިން ދުވަސް ތެރޭ އެކި މަޝްރޫއުތައް އަލަށް ފަށައިފިއެވެ. އެތައް ބަޔަކަށް ކުލީގެ ބޮޑު މައާފެއް ލިބިއްޖެއެވެ. ބައެއް ކުންފުނިތަކުން އެތައް ހާސް ވަޒީފާއެއް އިއުލާނުކޮށްފިއެވެ. ބައެއް ވަޒީފާތަކަށް ކުރިމަތިލާން ހަފުތާއެއް ވެސް ނުދެއެެވެ.

އާންމު މީހެއްގެ ވިސްނުމުން، މި ކަންކަން ގުޅުވައިލެވެނީ އިންތިޚާބެއް އޮތީމާ ކުރާ ކަންތައްތަކެއްގެ ގޮތުގައެވެ.

ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެއެވެ.

"މި ބޭރުތެރެއިން ބަލައިލާއިރުގައި، މިހެން ބޭރުފުށުން ބަލާއިރުގައި، ތިޔަ ވިދާޅުވި ކަހަލަ ގޮތަކަށް ސިމިލަރިޓީޒްތަކެއް ހުއްޓަސް، ޑީޓެއިލްކޮށް ބައްލަވައިލެއްވީމާ ފެނިވަޑައިގަންނަވާނެ، މިއިން ކޮންމެ މަޝްރޫއެއް މިއީ ކޮންއިރަކު، ކިހިނެއް ފެށިފައި އޮތް މަޝްރޫއެއްތޯ. މި މަޝްރޫޢުތަކަށް ނަގާ މުވައްޒަފުން އެ ނަގަނީ ކިހިނެއްތޯ،" ރައީސް މުއިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވިއެވެ.

ބޭރުފުށުން އިންތިޚާބަކާ ގުޅުވައިލެވޭ މިއިން އެއްވެސް ކަމެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް އެއްވެސް ޝައްކެއް ނުކުރެއެވެ.

'ސަން'އިން ވަނީ، އިންތިޚާބަށް ތައްޔާރުވުމަށް ކުރާ ކެމްޕެއިންގެ ތެރެއިން ނުފޫޒު ފޯރުވުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ އަދަދާއި، މައްސަލަތައް ހުށަހެޅި ވަކިވަކި ބާވަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. ނަމަވެސް ދިން ޖަވާބެއް ނެތެވެ.

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން: -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

މިއީ ފަހަރުގައި ކޮންމެ ސިޔާސީ ވެރިއެއް ވެސް ގުޅުވައިލައްވާނެ އިއްތިފާގަކަށް ވެސް ވެދާނެއެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.

ސިޔާސީ ބޮޑު ކެމްޕޭނެއްގެ ފޯރި ހިނގަމުން އަންނަ ދުވަސްވަރު، ރައްޔިތުންގެ ހަގީގީ ބާރު ދެއްކުން މުހިންމެވެ. ފުންކޮށް ވިސްނައި، ކޮންމެ ސިޔާސަތެއްގެ ދެ ފަރާތް ދެނެގަތުން މުހިންމެވެ.

މި ހާލަތު ބަދަލުވާނީ ރައްޔިތުން މިކަން ދަނެ، މިފަދަ ކޮންމެ ކަމަކަށް ނޫނެކޭ ބުނެގެންނެވެ. އިންތިޚާބަކާ ދިމާކޮށް ވަޒީފާދެނީޔޭ، ޖޫރިމަނާތައް މާފުކޮށް ހިލޭ އިތުރު އިނާޔަތްދެނީއޭ ބުނެ، އެކަމާ ނުރުހުންވެ ހުއްޓަސް ނުފުދޭނެއެވެ.

އަޑު އުފުލަންވީއެވެ. ފާޅުގައި ނޫނެކޭ ބުނަންވީއެވެ. ފަރުދީގޮތުން ލިބޭ ވަގުތީ ފައިދާއަށް ނުވިސްނައި، ގައުމަށް ޓަކައި ބުރަ އުފުލައިގެން ނޫނީ ގައުމުގެ ހާލަތު ވެސް، ފައިސާއާއި ވަޒީފާގެ އަޅުވެތިކަމުގައި ނިކަމެތި ރައްޔިތުން ޖައްސާ ސިޔާސީ ވެރިން ވެސް އިސްލާހެއް ނުވާނެއެވެ.

comment ކޮމެންޓް