ލޯކަލް ކައުންސިލު އިންތިޚާބާ ދިމާކޮށް ސަރުކާރަށް ކުރެވޭ އެކި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބެލުމާ ގުޅޭ ގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖަވާބެއް ނުދީ ހަނު ތިބެއްޖެއެވެ.
'ސަން'އިން ވަނީ، އިންތިޚާބަށް ތައްޔާރުވުމަށް ކުރާ ކެމްޕެއިންގެ ތެރެއިން ނުފޫޒު ފޯރުވުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ އަދަދާއި، މައްސަލަތައް ހުށަހެޅި ވަކިވަކި ބާވަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.
އޭގެ އިތުރުން، އޭސީސީއަށް ފާހަގަވެގެން ވަކިން އެއްވެސް މައްސަލައެއް ބަލަން ފަށައިފައިވޭތޯއާއި އެއްވެސް ފިޔަވަޅެއް ވެސް އަޅައިފައިވޭތޯ ވާނީ ސުވާލުކޮށްފައެވެ.
މި ނޫހުން އިއްޔެއާއި މިއަދުވެސް ވާނީ އެ ސުވާލުތަކަށް އޭސީސީގެ ޖަވާބަކަށް އެދިފައެވެ. މި ޚަބަރު ޝާއިއުކުރުމާ ހަމައަށް އޭސީސީން އެއްވެސް ޖަވާބެއް ދީފައިނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ކައުންސިލު އިންތިޚާބަށް ހަފުތާއަކަށްވުރެ ކުޑަތަންވެފައި އޮއްވައި ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކުގެ ދެ އަހަރުގެ ކުލި އެއްކޮށް ކަނޑައިލައިފައެވެ.
ހިޔާ ފުލެޓުތަކުގެ ފިނިޝިން މަސައްކަތަށް ކޮށްފައިވާ ޚަރަދު އަނބުރާ ދިނުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.
އޭގެ އިތުރުން، ގަލޮޅުގައި ހުންނަ ސިނަމާލެ ފުލެޓާއި މާލޭހިޔާ ފުލެޓުތައް މިލްކުކުރުމަށް ފައިސާ ދައްކާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ ދިނުމަށްވެސް ރައީސް ވަނީ، މިދިޔަ ފެބްރުވަރީ މަހުގެ މެދުތެރޭ ނިންމަވައިފައެވެ. އެ މައްސަލަ ފެބްރުވަރީ މަހުގެ 17ވަނަ ދުވަހު އޭސީސީއަށް ހުށަހެޅިކަމާއި، މައްސަލަ ބެލުމާ މެދު ކޮމިޝަނުން މަޝްވަރާކުރަމުން އަންނަ ކަމަށް ބުނި ބުނުން ފިޔަވައި އިތުރު ތަފުސީލެއް ނުދެއެވެ.
އަދި އިންތިޚާބު ގާތްވެފައިވަނިކޮށް، ސަރުކާރުން ވަނީ ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ވަޒީފާއަށް ހުޅުވައިލައިފައެވެ. އެގޮތުން މިދިޔަ މާރިޗު މަހުގެ މެދުތެރޭ މަގުހަދާ ސަރުކާރު ކުންފުނި އާރުޑީސީން 150އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވައިލިއިރު، އެމްޓީސީސީން ވަނީ ހާހަކަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވައިލައިފައެވެ. އަދި ކަސްޓަމްސްއިން ވަނީ 48 ވަޒީފާއަށް އިއުލާނުކޮށް، އެ ވަޒީފާތަކަށް އެދި ހުށަހަޅަން ހަތަރު ދުވަސް ދީފައެވެ.
މިކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނަގަނީ މަޝްރޫއުތަކަށް ކަމަށާއި، އެއީ އިންތިޚާބުގެ ކެމްޕެއިނާ ގުޅިގެން ނަގާ މުވައްޒަފުންތަކެއް ނޫން ކަމަށެވެ.
ހަމަ އެހެންމެ، އިންތިޚާބުތަކާ ދިމާކޮށް މި ސަރުކާރުން ކަޑަޖަހައިގެން މުވައްޒަފުން ނުނަގާ ކަމަށްވެސް، ރައީސް ވިދާޅުވިއެވެ.
އިންތިޚާބުތަކާ ގާތްކޮށް އާންމުންނަށް ލުއިތައް ދިނުމުގެ އިތުރުން، މަޝްރޫއުތަކުގެ ބިންގާ އެޅުމާއި، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރެއެވެ.
ކޮރަޕްޝަނަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އަދި، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށިގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ.
އިންތިޚާބުތަކާ ގުޅުވައި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވެއެވެ. އެގޮތުން، ވަޒީފާއާއި ފައިސާ ބެހުން ފަދަ ކަންކަމުގެ ތުހުމަތު ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ކުރެއެވެ. އެކަމަކު، އެ ފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅޭ މިންވަރު މަދެވެ.