ރިޝްވަތުގައި ނުހިފާ، އެކަން ރިޕޯޓުކުރަން އޭސީސީން އެދިއްޖެ

އޭސީސީގެ ރައީސް އާދަމް ޝާމިލް: ކައުންސިލް އިންތިޚާބާ ގުޅިގެން ރިޝްވަތު ބަހާނަމަ ރިޕޯޓުކުރަން ވަނީ އެދިފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެ، އެ ފަދަ އަމަލެއް ހިންގާނަމަ, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ރިޕޯޓުކުރަން އެ ކޮމިޝަނުން މިއަދު އެދިއްޖެއެވެ.

އިންތިޚާބުތަކާ ގުޅިގެން ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލުތައް ގިނަވާކަމުގެ ޝަކުވާ އަބަދު ވެސް އިވެއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބައެއް އިންތިޚާބުތަކުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި ވޯޓު ދިނުމުގެ ހައްގު އަދާކުރަން ރިޝްވަތުގެ މުއާމަލާތް ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ، ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ކަމެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.

"އެހެންކަމުން އިންތިޚާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިއީ އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމުލަ ގޮތެއްގައި މުޅި މުޖުތަމަޢަށް ނުހަނު ގެއްލުން ބޮޑު ކަމެކެވެ،" އެ ކޮމިޝަނުން ބުނެފައިވެއެވެ.

އޭސީސީން ބުނީ، މި އިންތިޚާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި، ދާއިރާއާއި ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ ހަވާލުކުރާނެ ގާބިލު ބަޔަކު ކަނޑައެޅުން ކަމަށެވެ.

އެހެންވެ، ކޮރަޕްޝަން ހުއްޓުވަން ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"ރިޝްވަތުގެ މުޢާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަޤާމުތަކަށް އިންތިޚާބުވުމަށް ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ޙަޤީޤީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަސްލަޙަތަށް މަސައްކަތްކުރާ ބައެކެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

"ހަމައެފަދައިން، ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިޚާބީ ޙައްޤު އަމިއްލަ ވަގުތީ ފައިދާއަކަށްޓަކައި ވިއްކާލުމަކީ، ތިމާގެ އަމިއްލަ ނަފްސަށާއި ޢާއިލާއަށާއި މުޅި މުޖުތަމަޢަށް ވެވޭ ޚިޔާނާތެކެވެ،"

ވަކި ގޮތަކަށް ވޯޓު ދޭން ނުވަތަ ވަކި ގޮތަކަށް ނަތީޖާ ނެރެން ޝުކުރެއްގެ ގޮތުގައި ނުވަތަ ހަދިޔާއެއްގެ ގޮތުގައި ވެސް އެއްޗެއް ދިނުމާއި ދޭން ވައުދުވުން ވެސް އެއީ ރިޝްވަތުކަން އެ ބަޔާނުގައި ވަނީ ހަނދާކޮށްދީފައެވެ. އަދި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ވޯޓާ ގުޅުވައި އެއްވެސް ފައިސާއެއް، މަންފާއެއް ނުވަތަ އެ ނޫން ވެސް އެއްޗެއް އަދި ޚިދުމަތެއް ވެސް ފޯރުކޮށްދިނުމަކީ ވެސް ރިޝްވަތުކަން ފާހަގަކޮށްފައިވެއެވެ.

https://sun.mv/216566

އެހެންވެ، އެ ފަދަ އެއްވެސް މުއާމަލާތެއް ނުކުރާން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ރިޝްވަތެއް ހުށަހަޅައިފިނަމަ އެ މައުލޫމާތު އެ ކޮމިޝަނަށް ހުށަހަޅަން ވެސް ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ކެންޑިޑޭޓުންނާއި ކެމްޕޭންކުރާ މީހުން ވެސް ރިޝްވަތާއި ކޮރަޕްޝަންގެ އެއްވެސް މުއާމަލާތެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، ލަސްނުކޮށް އޭސީސީއަށް އެކަން ރިޕޯޓުކުރަން އެ ކޮމިޝަނުން ވަނީ އެދިފައެވެ. މައްސަލަތައް ރިޕޯޓުކުރާއިރު، ތަފުސީލު ބަޔާންކުރުމާ އެކު، މައްސަލަ ރައްދުވާ ފަރާތް އަދި މައްސަލަ ހިނގިކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު ބަޔާންކުރަން އެ ކޮމިޝަނުން ވަނީ އިރުޝާދު ދީފައެވެ.

އޭސީސީން ވަނީ އެގޮތަށް ހުށަހަޅާ މައްސަލަތަކުގެ އިތުރުން އެ ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަން ވެސް ތަހުގީގުކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

https://sun.mv/215009

ކޮރަޕްޝަނަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އަދި، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށިގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ.

އިންތިޚާބުތަކާ ގުޅުވައި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވެއެވެ. އެގޮތުން، ވަޒީފާއާއި ފައިސާ ބެހުން ފަދަ ކަންކަމުގެ ތުހުމަތު ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ކުރެއެވެ. އެކަމަކު، އެ ފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅޭ މިންވަރު މަދެވެ.

comment ކޮމެންޓް