ސިނަމާލެއާއި މާލޭހިޔާ ފުލެޓުތައް މިލްކުކުރި ވެރިންނަށް އެއްލައްކަ ދޭން ނިންމި ނިންމުން އޭސީސީއަށް

އޭސީސީގެ ރައީސް އާދަމް ޝާމިލާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: މާލޭހިޔާ ފުލެޓުތަކާއި ސިނަމާލެ ފުލެޓުތައް މިލްކުކުރުމަށް ފައިސާ ދައްކާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި މައްސަލަ ވަނީ ހުށަހަޅައިފަ -- ފޮޓޯ/ ރައީސް އޮފީސް

މާލޭގެ ގަލޮޅުގައި ހުންނަ މާލޭހިޔާ ފުލެޓުތަކާއި ސިނަމާލެ ފުލެޓުތައް މިލްކުކުރުމަށް ފައިސާ ދައްކާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ ދިނުމަށާއި އެ ފުލެޓުތަކަށް ފައިސާ ނުދައްކައިގެން އަރައިފައިވާ ޖޫރިމަނާތައް މައާފްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އޭސީސީން 'ސަން'އަށް މިއަދު ބުނީ، މާލޭހިޔާއާއި ސިނަމާލެ ފުލެޓުތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ރައީސް ނިންމެވި މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމަށް ކޮމިޝަނުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މާލޭހިޔާއާއި ސިނަމާލެ ފުލެޓުތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ރައީސް ނިންމެވީ ލޯކަލް ކައުންސިލު އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށް ގާތްގަނޑަކަށް ދޮޅުމަސް ވެފައި ވަނިކޮށެވެ.

ސިނަމާލެ ފުލެޓުތަކާއި މާލޭހިޔާ ފުލެޓުތަކަށް 1990ގެ އަހަރުތަކުގައި މީހުން ބަދަލުވީއިރު އެއީ ޖާގަ ތަނަވަސް، އެ ޒަމާނަށް ބަލާއިރު ފެންވަރު ރަނގަޅު ފުލެޓުތަކެކެވެ. އޭގެ ފަހުން 35 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާއިރު، އެ ފުލެޓުތަކުގެ އެތެރެއާއި ބޭރުން ވެސް ފެންނަނީ ވީރާނާކަމެވެ.

އެ ފުލެޓުތަކުގެ ލިފްޓުތައް ހުއްޓުމާއި ވާރޭވެހިއްޖެ ނަމަ ފެން ފޭބުން ފަދަ އެތައް މައްސަލައެއް އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެއެވެ. އެ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ އުއްމީދު، އެމްޑީޕީ އިސްކޮށް އޮތް ކައުންސިލްތަކާއި މިހާރުގެ ރައީސް މޭޔަރުކަން ކުރެއްވި ކައުންސިލުގައި ވެސް ދީފައިވެއެވެ.

ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލާއި ރައީސް މޭޔަރުކަން ކުރެއްވި ކައުންސިލުގައި ވެސް ވަނީ، އޭރު އޮތް ސަރުކާރުގެ ސަބަބުން ފުލެޓުތަކުގެ ވެރިންނަށް ހެޔޮ ގޮތެއް ހޯދައިދޭން ދަތިވި ކަމަށް ބުނެފައެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ، އަދި މިހާރުގެ ރައީސް މިދިޔަ ޑިސެންބަރު މަހު، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ، ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތަކުގެ މައްސަލަ ދޫކޮށްލާފައިވާ ބަހައްޓަން ބޭނުންނުވާ ކަމަށާއި އެ ފުލެޓުތަކުގެ މައްސަލައަށް ރަނގަޅު ހައްލެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު އިއްޔެ، އެމަނިކުފާނު އެ ފުލެޓުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ނިންމެވީ ފުލެޓުތަކުގެ ވެރިންނަށް އިނާޔަތް ދެއްވުމަށެވެ.

https://www.sun.mv/218017

ރައީސް ވަނީ، ފުލެޓުތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށް ނިންމަވައިފައެވެ. އަދި ފުލެޓުތައް ބައުވުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދެއްވުމަށް ވެސް އެ މަނިކުފާނު ނިންމެވިއެވެ.

https://sun.mv/218054

ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ކުރި އެ އިއުލާނާއެކު އާންމުންގެ ފާޑުކިޔުންތައް ވަނީ އޮއްސާލައިފައެވެ.

އެގޮތުން ބައެއް މީހުން ވަނީ، މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އެ ފައިސާ ދިނުމަށް ކަނޑައަޅައިފައި ނުވަނީސް އެ ފައިސާ ހޯދަނީ ކިހިނެއްތޯ ސުވާލު އުފައްދައިފައެވެ. އެއީ ދައުލަތުން ދޭ ފައިސާ ކަމުން، ޓެކްސް ދައްކަމުން އަންނަ އާންމުންނަށް، ފައިސާ ބޭނުންކުރާ ގޮތުގެ ތަފުސީލު އެނގެންވާނެކަން ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ބައެއް މީހުން ވަނީ ރައީސް އެގޮތަށް އަމަލުކުރެއްވުމަކީ ރަސްކަލެއްގެ ގޮތުގައި އުޅުއްވުން ކަމަށް ސިފަކޮށްފައެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ހިމެނޭހެން ބޭއްވި އެ ބައްދަލުވުމުގައި އިނާޔަތެއް ދޭން އިއުލާންކުރުމަކީ ސިޔާސީ ބޭނުމަކަށް ފައިސާ ބެހުން ނުވަތަ ރިޝްވަތު ދިނުން ކަމަށް ބައެއް މީހުން ސިފަކުރިއެވެ.

comment ކޮމެންޓް