ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބީއެމްއެލްއިން އަޅާ 1،190 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބީއެމްއެލްއިން އަޅާ 1،190 ހައުސިން ޔުނިޓުގެ ބިންގާ އެޅުން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށްގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1،190 ހައުސިން ޔުނިޓްގެ ބިންގާ މިރޭ އަޅައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބީއެމްއެލްގެ ހައުސިން ޔުނިޓްތައް އެޅުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއެވެ.

އެ މަސައްކަތް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްއާއި ބީޔޫސީޖީގެ އިސްވެރިންނެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި މި އަދަދަށް މިހާ އަވަސްމިނެއްގައި ތަފާތު ކޮންޓްރެކްޓަރުންނަށް ދީގެން، އަގު ހެޔޮކޮށް ފްލެޓް އެޅުމުގެ މަސައްކަތް، މި ބާރު މިނުގައި ހިންގާފައި ނުވާ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބީއެމްއެލްއިން އަޅާ 1،190 ހައުސިން ޔުނިޓުގެ ބިންގާ އެޅުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ ކުރިން މިފަދަ މަސައްކަތްތައް ނިންމުމަށް ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި މަޝްރޫއު 2028ގެ މެދުތެރޭގައި ނިމޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މަސައްކަތުގެ މި ބާރު މިނަކީ ދިވެހި އެތައް ހާސް އާއިލާތަކަށާއި، އަދި އަޅުގަނޑުމެންނަށްވެސް އުއްމީދާއި އުފަލާއި ހިތްހަމަޖެހުން ގެނުވާނެ ކަމެއް. މީގެ އިތުރުން މި ބިޔަ މަޝްރޫޢުގެ އަނެއް ކާމިޔާބީއަކަށް މިވަނީ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ރައްކާތެރި، އެކަށީގެންވާ އަދި އަތްފޯރާފަށުގައި ދިރިއުޅޭނެ ތަނެއް ހޯދައިދެވޭތީ،" އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ގައުމެއްގެ އިގްތިސާދީ ކުރިއެރުމާއި، އެ ގައުމެއްގެ ބޭންކިން ނިޒާމާ އޮންނަނީ ވަރަށް ބޮޑަށް ގުޅިލާމެހިފަ ކަމަށެވެ. އެގޮތުން ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް: ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ހަލުވިކަން ފާހަގަކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް)ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުންނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީއިން، ހުޅުމާލެ އެއްވަނަ އަދި ދެވަނަ ފިޔަވައްސާއި، ވިލިމާލެ ހިމެނޭހެން ޖުމުލަ 3،260 ހައުސިން ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ތިން ކޮޓަރީގެ އެ ހައުސިން ޔުނިޓުތައް ދޭނީ ރެންޓް-ޓު-އޯން މޮޑެލްއަށެވެ. މި މޮޑެލްއަކީ ކުލި ދައްކައިގެން ދިރިއުޅެ ވަކި މުއްދަތަކުން މިލްކު ކުރެވޭ މޮޑެލްއެކެވެ.

https://www.sun.mv/219628

މީގެ ކުރިން ޝަރީފް ވަނީ އެ ފްލެޓްތަކުން ކުއްޔަށް ނަގާނެ ކަމަށް ލަފާކުރެވެނީ 10،000 ރުފިޔާ ކަމަށް ވިދާޅުވެފައެވެ.

އެ މަޝްރޫއުގެ ދަށުން، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ 1,224 ހައުސިން ޔުނިޓުގެ ބިންގާ މި މަހުގެ 21 ވަނަ ދުވަހު ވަނީ އަޅާފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާއެވެ. އަދި ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ، މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަޅައިފައެވެ. އެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ންނެވެ.

މީގެ އިތުރުން، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 182 ހައުސިން ޔުނިޓު އަޅަން، އެފް ޑަބްލިއު ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ މަޝްރޫއު ރޭ ވަނީ ފަށައިފައެވެ.

comment ކޮމެންޓް