ރާއްޖެއިން ނުލިބޭ ބޭސް ގެނައުމުގެ މައްސަލައިގައި އެސްޓީއޯ އާއި އެންސްޕާ މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

މެންބަރު މުހައްމަދު އިބްރާހިމް: -- ފޮޓޯ/ މަޖިލީސް

ރާއްޖެއިން ނުލިބޭ ބޭސް ބޭރުން ގެނައުމުގައި އާންމުންނާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާ ދެމެދު ހިނގާ މުއާމަލާތްތަކުގައި ހުރި އޮޅުންތަކާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާ ދެމެދު ހުރި މައްސަލަތައް ސާފުކުރުމަށް އެ ދެ މުއައްސަސާގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށްދިނުމަށް އެދިއްޖެއެވެ.

މިކަމަށް މިއަދު އެދިވަޑައިގަތީ މަޖިލީހަށް އެންމެ ގިނައިން ކަންކަން ހުށަހަޅުއްވާ މެންބަރު ކަމަށްވާ, ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއަށް މިއަދު މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ބޭސް ގެނައުމުގައި އެސްޓީއޯއާއި އެންސްޕާއާ ދެމެދު ހިނގާ މުއާމަލާތްތަކުގައި އަރާފައިވާ އޮޅުންތަކުގެ ސަބަބުން ބޭސް ބޭނުންވާ މީހުން ހާސްކަމެއްގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ. އަދި އެތައް ދުވަހެއް ފަހުން ބޭސް ނުލިބުމުން، ބޭހަށް އޯޑަރު ނުދެވޭކަމަށް ބުނުން ފަދަ ކަންކަން ހިނގަމުންދާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުންދާކަމަށް ވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ދުވަސްތަކުގައި މިފަދަ ބައެއް ކަންކަން އަމިއްލަފުޅަށް ވެސް ތަޖުރިބާކުރައްވާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

ބޭސްފަރުވާގެ ކަންކަމަށް އެންސްޕާގެ ބަޖެޓުގައި ދައުލަތުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާއިރު، އެސްޓީއޯއާއި އެންސްޕާއަކީ ވެސް މުވައްޒަފުންނާއި ވަސީލަތްތައް ގިނަ ދެ މުއައްސަސާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިފަދަ ކަންކަން ހިނގަނީ ކީއްވެގެންތޯއާއި، މިކަންކަން ހުއްޓުވުމަށް އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިތޯ ސާފުކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

އަދި މިފަދަ ކަންކަމުގައި އިހުމާލުވާ ފަރާތްތަކާމެދު އަޅާފައިވާ ފިޔަވަޅުތައް އޮޅުންފިލުވުމަށް، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަކަށް އެ ދެ މުއައްސަސާގެ ކަމާބެހޭ ބޭފުޅުން ހާޒިރުކޮށްދެއްވުމަށް މެންބަރު ކުޑޫ ވަނީ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން މީގެ ކުރިންވެސް މެންބަރު ކުޑޫ ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ. ބޭސް ނުލިބޭ ކަމުގެ ޝަކުވާ މިފަހުން އައިސް ވަނީ ވަރަށް ބޮޑުވެފައެވެ.

comment ކޮމެންޓް