މާލޭ، ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވަނީ ހުވަފެނީ ގޯޅީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓު ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. ގާތްގަނޑަކަށް ހެނދުނު 10:57 ހާއިރު ރޯވި މި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ 11:52 ހާއިރެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ހަނި ގޯޅިއެއްގެ ތެރޭ ހުރި އެ ގުދަނުގެ މުޅި އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައި އޮތް ތަނެވެ. އަދި ވަރަށް ބޮޑަށް ކަޅު ދުން ވެސް އަރަމުން ދިޔައެވެ.

އަލިފާން ރޯވި އިމާރާތް އެއްކޮށް އަނދައިފައި -- ސަން ފޮޓޯ/ މުޙައްމަދު ޝާން
އަލިފާން ނިއްވުމަށް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހަރަކާތްތެރިވިއިރު، މިހާތަނަށް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އިތުރު ތަފްސީލް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
މި ހަފުތާއެއްހައި ދުވަސް ތެރޭ އަލިފާނުގެ ހާދިސާތަކެއް ހިނގައިފައިވާއިރު، އެންމެ ނުރައްކާތެރި ހާދިސާ ހިނގީ އދ. ދިގުރަށުގައެވެ. ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ކުޑަ ތަންކޮޅެއްގައި ހިނގި އެ ހާދިސާގައި ފަސް މީހުން މަރުވެ، ދެ މީހަކު އޮތޯ ސީރިއަސް ހާލަތުގައެވެ.
ހަމައެއާއެކު، ރޭ ހުޅުމާލޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ގެއެއްގެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.