އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަދްޔަޕްރަދޭޝްގެ ރަޓްލާމް ޑިސްޓްރިކްޓް ސަރަޙައްދުން ދަތުރުކުރި އިންޑިއާގެ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް)ގެ ރޭލެއް ކަމަށްވާ، 'ހަޒްރަތު ނިޒާމުއްދީން ރާޖްދާނީ އެކްސްޕްރެސް' (އެންޒެޑްއެމް)ގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ރޭލުގެ ކޮމްޕާޓްމަންޓުން އަލިފާން ކަނި ފެނުމާ އެކު، ރޭލުގެ ގާޑު ވަގުތުން ލޮކޯ ޕައިލެޓަށް އެންގުމާ ގުޅިގެން ރޭލު މަޑުކޮށް، އޭގައި ތިބި ފަސިންޖަރުން ވަނީ ރައްކާތެރިކަމާއެކު ބާލާފައެވެ.
ރޭލްވޭގެ އޮފިޝަލުން މީޑިއާއަށް މަޢުލޫމާތު ދިން ގޮތުގައި، 68 ފަސިންޖަރުންނާ އެކު ދަތުރުކުރި މި ކޯޗުން ހުރިހާ އެންމެން 15 މިނެޓުގެ ތެރޭގައި ވަނީ ހުސްކުރެވިފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
މި ހާދިސާ ރިޕޯޓްކޮށްފައި ވަނީ ފަތިހު 5:15 ހާއިރު، ޓްރިވެންޑްރަމްއިން ދިއްލީއަށް ދަތުރުކުރި ނަންބަރު 12431 ރޭލުގެ ބީ-1 ކޯޗުންނެވެ. މި ހާދިސާ ހިނގާފައި ވަނީ ކޯޓާ ރޭލްވޭ ޑިވިޜަންގެ ދަށުން ހިންގާ ވިކްރަމްގަރް އަލޮޓް އާއި ލުނީރިއްޗާ ސްޓޭޝަނާ ދެމެދުގައެވެ. މި ރޭލު ރަޓްލާމް ޖަންކްޝަނުން ފުރާފައިވަނީ ފަތިހު 3:45 ހާއިރުއެވެ.

ތިރުވަނަންތަޕޫރަމްގެ ރޭލެއް ކަމަށްވާ، 'ހަޒްރަތު ނިޒާމުއްދީން ރާޖްދާނީ އެކްސްޕްރެސް ރެއިލްވޭ ސްޓޭޝަންގައި--ފޮޓޯ/އިންޑިއާޓުޑޭ
މި ހާދިސާއާ ގުޅިގެން، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ރޭލްވޭ އިންވަނީ ހާއްސަ ތަޙުޤީޤެއް ފަށާފައެވެ. މީގެ އިތުރުން، މުޅި އިންޑިއާގެ ރޭލްވޭ ނެޓްވޯކްގައި ހިމެނޭ ރޭލު ކޯޗުތަކުގެ އަލިފާނުގެ ރައްކާތެރިކަމުގެ ނިޒާމުތައް ބަލައި ފާސްކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ހާދިސާ ހިނގި ވަގުތު ރޭލްވޭގެ ކަމާބެހޭ ފަރާތްތަކުން ވަގުތުން ކަރަންޓު ކަނޑާލައި، އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަލިފާނުގެ އަސަރު ބީ-1 ކޯޗުގެ ފަހަތުގައި އޮތް ލަގެޖް ކޯޗަށް ވެސް ވަނީ ފެތުރިފައެވެ. ވެސްޓް ސެންޓްރަލް ރޭލްވޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހުރިހާ ފަސިންޖަރުންނާއި މުވައްޒަފުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އަލިފާން ރޯވި ކޯޗު މިހާރު ރޭލުން ވަކިކުރެވިފައިވާ ކަމަށެވެ.
މި ހާދިސާގެ ސަބަބުން ދިއްލީ-މުމްބާއީ ރޭލު ދަތުރުތަކަށް ބުރޫއަރައި، ފަހެއް ނުވަތަ ހަ ރޭލެއްގެ ތާވަލަށް ބަދަލު އައިސްފައިވެއެވެ. އަދި ބައެއް ރޭލުތައް އެކި ސްޓޭޝަންތަކުގައި މަޑުކުރަން ޖެހުނު ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
ޕީޓީއައި ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ސަބަބުން 10 ވަރަކަށް ފަސިންޖަރު ރޭލުތަކުގެ ދަތުރުތަކަށް ވަނީ އަސަރުކޮށްފައެވެ.
މިއީ ފާއިތުވި ދެ ހަފުތާ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މީގެ ކުރިން، މިދިޔަ މަހުގެ 15 ވީ ހުކުރު ދުވަހުގެ ހަވީރު، ނާމްޕަލީ ރޭލްވޭ ސްޓޭޝަނުގައި އޮތް ހައިދަރުއާބާދު-ޖައިޕޫރު ސްޕެޝަލް އެކްސްޕްރެސްގެ ދެ އޭސީ ކޯޗެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. އެ ހާދިސާގައި ވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.