ހުޅުމާލެ ފަޅު ކައިރީގައި އަޅާފައި އޮތް "އެމްޕެރޯ އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީއެއްގައި މިއަދު ހަވީރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އުޅަނދު އެކީހެން އަނދައި، ދުމުގެ އަސަރުކޮށްގެން ދެ މީހަަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް މި އުޅަނދުގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:55 އެހައިކަންހާއިރުއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި "ސަން"ގެ ނޫސްވެރިންނާއި މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، އުޅަނދުން ބޯ ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވެއެވެ. މި މަންޒަރު ދުރު ހިސާބުތަކަށް ވެސް ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ސީދާ އަލިފާނުގެ އަސަރުކޮށްގެން ބޮޑު އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، ދުމުގެ އަސަރުކުރުމާ ގުޅިގެން ސަފާރީގެ ދެ ފަޅުވެރިއަކަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގައި ސަފާރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުލުހުންނާއި ސިފައިން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.