ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ: ފަރުވާއަށް ގެނައި ދެ މީހުން އަދިވެސް ވެންޓިލޭޓަރުގައި

އައިޖީއެމްއެޗް ކުރިމަތި: ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ފަރުވާއަށް ގެނައި ދެމީހުން އަދިވެސް ތިބީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި -- ފޮޓޯ/ މާނިއު މުހައްމަދު

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފަސް މީހަކު މަރުވެފައިވާއިރު، އިތުރު ފަރުވާއަށް މާލެ ގެނައި ދެ މީހެއްގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. މި ހާދިސާ ހިނގާފައިވަނީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ދިގުރަށު ކައުންސިލުން މައުލޫމާތު ދެއެވެ. ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޓީމުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

  • ދިގުރަށު އަލިފާނުގެ ހާދިސާގައި ފަސް މީހަކު މަރުވެފައިވެއެވެ.
  • ފަރުވާއަށް މާލެ ގެނައި ދެ މީހަކު އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ.
  • ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ގޭސް ލީކުވުން ކަމަށް ބެލެވެއެވެ.
  • ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމަކުން މައްސަލަ ބަލަމުން އެބަދެއެވެ.

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އިތުރު ފަރުވާއަށް މާލެ ގެނައި ދެ މީހުންނަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ.

ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރެވެ. އެ ހާދިސާގައި ފަސް މީހަކު މަރުވެފައިވާއިރު، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނައެވެ.

'ސަން' އިން ސުވާލުކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އިތުރު ފަރުވާއަށް އެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންނަށް އަދިވެސް ފަރުވާދެމުން ދަނީ، ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.

ފުލުހުން ވަނީ މި ހާދިސާގައި އަނިޔާވި އެންމެންނަކީވެސް ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތުން ކަމަށް ބުނެފައެވެ. އެ ހާދިސާ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ދަންވަރު 01:57ގައި ކަަމަށާއި، ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 02:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://sun.mv/219142

ފުލުހުން ވަނީ ހާދިސާ ރިޕޯޓުކުރުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށާއި އޭރު އެ ގޭގެ ބަދިގެއިން ވަރަށް ބޮޑަށް އަލިފާން އަރަމުން ދިޔަކަމަށް ބުނެފައެެވެ. އެހެންކަމުން އެތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ވަންނަންޖެހުނީ ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، އެ ގޭގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ.

މި މައްސަލަ އިތުރަށް ބެލުމަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ތަހުގީގު ޓީމެއް ވަނީ ދިގުރަށަށް ގޮސްފައެވެ.

comment ކޮމެންޓް