ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން: މީހުން ސަލާމާތް ކުރަންޖެހުނީ ފާރު ތަޅާލައިގެން

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ --

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގީ ރޭ ދަންވަރު ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. އަލިފާން ރޯވި ސަރަހައްދުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިތްދޮށު ފާރު ތަޅާލައިގެންނެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވުމުން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާއިރު، މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް ދިގުރަށަށް ވަނީ ގޮސްފައެވެ.

  • ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ބަނގްލަދޭޝްގެ ފަސް މީހަކު ނިޔާވެއްޖެ
  • ގެއަށް ވަދެ ނުކުމެވޭނެ ހަމައެކަނި ދޮރުގައި އަލިފާން ރޯވުމުން މީހުން ސަލާމަތްކުރީ ފާރު ތަޅާލައިގެން
  • ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ކައުންސިލުން މައުލޫމާތު ދޭ
  • ސީރިއަސް އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެވިފައިވޭ
  • މި ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޓީމެއް ދިގުރަށަށް ފޮނުވިފައިވޭ

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން މަރުވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ވައްޓާލައިގެން ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ މި ހާދިސާގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ ރޭ ދަންވަރު 01:57 ހާއިރުކަމަށެވެ. އެއާއިއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އޭރު އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

އެތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ވަންނަންޖެހުނީ ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ކަމަށް ފުލުހުން ބުންޏެވެ.

ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް، ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ޚަބަރު ހުސްވެފައި ތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންދިޔަ. ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާއިރު ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރު ކުރެވުނު،ފުލުހުން

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، އެ ގޭގައި ވަދެ ނުކުތުމަށް ހުންނަނީ އަލިފާން ރޯވި ބަދިގެއާއި އިންވެގެން ހުންނަ ދޮރު އެކަންޏެވެ.

'ސަން'އިން ސުވާލުކުރުމުން ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ، އެކޮމޮޑޭޝަން ބްލޮކުގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ.

މި ހާދިސާގައި ފަސް މީހަކު ނިޔާވެފައިވާ ވާއިރު، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ދެރަވުމާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފައެވެ.

މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް ދިގުރަށު ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝް ރައްޔިތުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ ދަންވަރު 2:30 ހާއިރުކަމަށެވެ.

މި މައްސަލަ އިތުރަށް ބެލުމަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ތަހުގީގު ޓީމެއް މިއަދު ހެނދުނުގެ ވަގުތެއްގައި ދިގުރަށަށް ވަނީ ގޮސްފައެވެ.

comment ކޮމެންޓް