ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންްގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށްފި

މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެތި: ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންްގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށްފައިވޭ ------ ފޮޓޯ/ ފުލުހުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން މިއަދު ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ނަޒްމުލް ޙައްޤުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކްކޮށް ސްމަގުލް ކުރުމުގެ ތުހުމަތުގައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައި ވުމުންނެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމް ސާވިސްގެ މައްސަލަ ހުށަހަޅާ ފޯމާއި ކޮންޓްރޯލް ޑެލިވަރީ ހިންގުމުގެ ހުއްދައާއި ސީންއަށް ދިޔަ ފުލުހެއްގެ ބަޔާނުގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ ހުށަހަޅާފައިވާ ކަަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އޭނާ އެ ތުހުމަތުތަކަށް އިންކާރު ކުރާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް މިއަދު 15 ދުވަސް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހަށެވެ.

މަސްތުވާތަކެތީގެ މިފަދަ މައްސަލަތައް މިހާރު ރާއްޖޭގައި އާންމުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

comment ކޮމެންޓް